މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

މަތީ ތައުލީމުގެ ލޯނު ސުކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. 770 ލޯނަށް ހުޅުވާލި އިރު، މި ލޯނު ސްކީމަށް ވަނީ 1170 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފައެވެ.

ވަގުތީ ލިސްޓް އިއުލާނުކުރި އިރު ލޯނު ދޭން ނިންމާފައި ވަނީ 417 ދަރިވަރަކަށެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި، ދާއިމީ ލިސްޓް މިއަދު އާންމު ކުރިއިރު، 449 ދަރިވަރަކަށް ވަނީ ލޯނު ދިނުމަށް ނިންމައިފައެވެ.

މިނިސްޓްރީން ބުނީ މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނަށް ހޮވިފައިވާ ދަރިވަރުންގެ ލޯން އެވޯޑް ނޮޓިފިކޭޝަން މިމަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރެވޭނެ ކަމަށެވެ. އަދި އީމެއިލްގައި ހިމެނޭ ލިޔުންތަކުގައި ދަރިވަރު ކުރިއަށް އޮތްތަނުގައި އަމަލު ކުރަންވާ ގޮތުގެ ތަފްސީލް ހިމެނިފައިވާނެ ކަމަށްވެސް ބުންޏެވެ.

ލޯނަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ޕައިލޮޓް ކަން ކިޔަވަން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. ނަމަވެސް ފުރުސަތު ދީފައިވަނީ މަދު ކުއްޖަކަށެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުގެ ތެރެއިން ލޯނަށް ކުރިމަތިލި ޕައިލޮޓް ކަން ކިޔަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން އޮތީ ނިންމައިފައެވެ. އަދި މިހާރު އެމްބީބީއެސް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށްވެސް ލޯނު ދޭން އޮތީ ނިންމައިފައެވެ.

މީގެ ކުރިން މި ލިސްޓު އިއުލާނު ކުރަން ނިންމާފައި އޮތީ މިމަހު 10 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެ، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ހަމަޖެއްސުމުން ލިސްޓް އާންމު ކުރުން ލަސްކުރިއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް މިހާރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެކްސައިޓްގައި އާންމުކޮށްފައެވެ.

މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 137 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.