ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕާއީ ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާއާ ގުޅުނު ކަން އެޓީމުން އިއުލާން ކޮށްފިއެވެ.
ބާސާއިން އިއުލާން ކޮށްފައިވާ ގޮތުގައި ޑިޕާއީ ކްލަބާ ގުޅޭނީ ފްރާންސް ކްލަބު ލިއޯންއާއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވުމުން ކަމަށެވެ. ބާސާއިން އިއުލާން ކުރި ގޮތުގައި އެ ކްލަބާ ޑިޕާއީ ގުޅިފައި ވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމުއްގެ ދަށުންނެވެ. އުމުރުން 27 އަހަރުގެ ޑިޕާއީ މިވަގުތު ހުރީ ގައުމީ ޓީމާއެކު ޔޫރޯ 2020 ގެ ކޭމްޕްގައެވެ.
ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއީ އެންމެފަހުން ހަތަރު ސީޒަންގައިވެސް ހޭދަކުރީ ލިއޯންގައެވެ. ލިއޯންއަށް ކުޅުނު ހަތަރު ސީޒަންގައި އޭނާ ވަނީ 178 މެޗުން 76 ގޯލް ޖަހައިދީފައެވެ.
ޑިޕާއީ ބާސާއާއެކު އެއްބަސް ވެފައިވާ ކަމަށް މީގެ ކުރިންވެސް ވަނީ ގިނަ ވާހަކަތަކެއް މީޑިއާއަށް ތިލަވެފައެވެ. ބާސާއިން މިދިޔަ ސީޒަންގެ ކުރިންވެސް ޑިޕާއީ ގެންދަން މަސައްކަތް ކޮށްފައިވެ އެވެ. ޑިޕާއީއަކީ މި ސީޒަންގައި ބާސާއިން ހިލޭ ޓްރާންސްފާއެއްގައި ސޮއި ކުރުވި ތިންވަނަ ކުޅުންތެރިޔާއެވެ. ބާސާއިން ވަނީ އަންނަން އޮތް ސީޒަނަށް މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އަދި އެރިކް ގާސިއާވެސް ހިލޭ ޓްރާންސްފާ އެއްގައި ސޮއިކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު