ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލާ ދޭތެރޭ ދެކޭ ގޮތް މިވަގުތު ޕަބްލިކުގައި ހާމަކުރެވެން ނެތް ކަމަށާއި އެކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ސިޓީއަކުން ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޝަމީމު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ޕްރޮފެޝަނަލީ ދެކޭ ގޮތް ވަރަށް ތަފުސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާނެ ކަމަށާއި މަޖިލީހުން އެ މައުލޫމާތު އާންމު ކުރި ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑު މިދަންނަވާ ވާހަކައަކީ ގާނޫނެއް ހަދާފައި ދެންޏާ އަމަލުކުރެވޭ ނަތީޖާ ނެރެވޭ ޕްރެކްޓިކަލް ގާނޫނެއް ދޭށޭ. އެއީ އަޅުގަނޑުގެ ރިކުއެސްޓަކީ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގެ ގޮތުން އެކަމުގެ ތަފުސީލަށް ގޮސް ވާހަކަދެއްކުން އެންމެ ރަނގަޅު ނުވެދާނެ ކަމަށެވެ. އަދި ބިލާ މެދު ގޮތެއް ނިންމުމުން އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން ގިނަ ދީނީ އިލްމުވެރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި ބިލު އަނބުރާ ގެންދިއުމަށް ގިނަ ރަށްތަކެއްގެ ކައުންސިލުންވެސް ވަނީ ބަޔާން ނެރިފައެވެ.