ކޮވިޑުގައި ހާލު ސީރިއަސްވެ މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދަށް އެޓެންޑުވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވި ނަމަ، އެ ހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށް ހެލްތު މިނިސްޓްރިީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފިއެވެ.
ފަރުވާ ލިބުން ލަސްވެ މިޝްކާ މަރުވީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެކަން ހެލްތު މިނިސްޓްރީން މީގެ ކުރިން ހާމަ ކުރި ރިވިއު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީން މިއަދު އާންމު ކުރި ކޭސް ރިޕޯޓުގައި ބުނެފައި ވަނީ މިޝްކާގެ މަރުގެ ހާދިސާގައި އެޓެންޑުވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު ވަގުތަށް އެޓެންޑުވި ނަމަ އެ ހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށެވެ.
އެގޮތުން ކުއްޖާގެ ހާލަތު ގޯސްވެ ބެލެނިވެރިޔާ އެމަޖެންސީ ރެސްޕޮންޑް ޓީމަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމުންވެސް އެ ޓިމުން އެއީ އެމަޖެންސީއެއްގެ ގޮތުގައި ސިސްޓަމަށް އަޅާފައި ނުވާ ކަމާއި ބެލެނެވެރިޔާ މިޝްކާގެ ހާލަތު ކިޔައިދިނުމުން ޑީއެމްއާރުޓީމުން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް ހާލަތު އެންމެ ރަނގަޅަށް ބަލާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
އަދި އެ ކުއްޖާގެ ހާލަތަށް ބަލާފައި ދޭންޖެހޭ ފިޒިކަލް އެސެސްމެންޓުވެސް ހަދަން ދީފައިނުވާކަން ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ، މިޝްކާގެ ހާލަތު ގޯސްވެ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައިވެސް ބެލެނިވެރިޔާ އެޗްއީއޯސީގެ ކޯލް ސެންޓަރަށް ގުޅި ކަމަށާއި އަދިި އޭގެ ފަހުން އިތުރަށް ހާލަތު ގޯސްވެ އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި އެ ރޭ 9:06 ގައިވެސް އާއިލާގެ ފަރާތުން ގުޅި ކަމަށެވެ.
އަދި އެމްބިއުލާންސް ފޮނުވާނެ ކަމަށް ކޯލް ސެންޓަރުން ދިން ޔަގީން ކަމަށް ބެލެނިވެރިން އިތުބާރު ކުރި ކަމަށާއި ނަމަވެސް ދެ ގަޑިއިރާއި 26 މިނެޓްވި އިރުވެސް އެމްބިއުލަންސް ޓްރިގާކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
"އެޗްއީއޯސީގެ ކޯލް ސެންޓަރުންް ކޯލުތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަން ފާހަގަވި. އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގުކޮށް ހުރިހާ ކޯލުތައް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވޭ،" މިޝްކާގެ ބެލެނިވެރިން ހިމެނޭހެން 28 މީހެއްގެ އިންޓަވިއު ނަގައިގެން ހަދާފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ އެޗްއީއޯސީގެ ރިވިއު އާއި އެ ރިޕޯޓަށް ބަލައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އިހުމާލުވީ ކޮންބައެއް ކަމެއް އަދި ފިޔަވަޅު އަޅަނީ ކޮން ބަޔަކަށް ކަމެއް ބުނެފައެއްނުވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު