ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ބޭނުންކުރުމަށް 2018 ވަނަ އަހަރު ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ މާސެޑީޒް ބެންޒް ކާރު، އަމިއްލަ ފަރާތެއްގެ ނަންމަތީގައި ރާއްޖެ އެތެރެކޮށްފައިވާ ކާރެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ މައްސަލައިގައި ދަފްތަރު ނަންބަރު 4133 އަބްދުالله އަލީ ބޭނުން ކުރާ މޮބައިލް ފޯނުތަކާ ބެހޭ މައުލޫމާތު ފުލުހުން މެދުވެރިކޮށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ދިނުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ސައުދީ ސަރުކާރުން 2018 ވަނަ އަހަރު ހަދިޔާކޮށްފައިވާ މާސެޑީޒް ބެންޒް ކާރެއް އަމިއްލަ ފަރާތެއްގެ ނަން މަތީގައި ރާއްޖެ އެތެރެކޮށްފައިވާ ކާރެއްގެ ގޮތުގައި ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޑިކްލެރޭޝަން ފޯމުތައް ޕްރޮސެސްކޮށްފައި ވަނީ އެއާޕޯޓް ޑިވިޝަންގެ ހެޑްގެ ހަސިއްޔަތުން
ދަފްތަރު ނަންބަރު ރސ 4133 އަބްދުالله އަލީ، އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި މައްސަލައިގައި އަބުދުﷲ އަލީ ބޭނުންކުރާ މޮބައިލް ފޯނުތަކާއި، އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީކާޑުތަކާއި، އެތަކެތީގައިވާ ހުރިހާ މައުލޫމާތު (ޑޭޓާ) އާއި، އެފޯނު ތަކުން ކޮށްފައިވާ އެންމެހާ މުވާސަލާތީ މުއާމަލާތްތައް ހޯދުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓް މެދުވެރިކޮށް އެކްސްޓްރެކްޓް ކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ބޭނުންވާ ތަކެއްޗާއި މައުލޫމާތު ދިނުމަށް އަބްދުالله އަލީގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ނެރެފައިވާ އެ ކޯޓު އަމުރު ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި އަބްދުالله އަލީގެ ފަރާތުން ފަސް ނުކުތާއެއް ފާހަގަކޮށް، ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެމައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުން ވަނީ، ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކަމަށް ކަނޑައަޅައިފައެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުމާ ހިތްހަމަ ނުޖެހިގެން އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ނިިންމުމެއް ކަމަށް ބުނެ ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި އިއްޔެކުރި ހުކުމްގައި ވަނީ، ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކަމަށް ކަނޑައަޅައި ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންނެވެ.
ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އާއިޝާ ސުޖޫނެވެ.
ސުޕްރީމް ކޯޓް