ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގޭގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކު ކުރާ މައްސަލަ ހައްލުވެފައިނުވާތީ އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް މައުމޫންގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު ސޮފްވާން މިއަދު "ވަން" އަށް ވިދާޅުވީ ރައީސް މައުމޫން ގެކޮޅުގެ ގޭޓަށް ވަންނަ ދިމާލުގައި އަބަދުވެސް ސައިކަލު ޕާކު ކޮށްފައި ހުންނަ މައްސަލަ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ސައިކަލު ޕާކު ކޮށްފައި ހުރުމުން، މައުމޫންގެ ކާރުކޮޅަށް ހަތަރު ފަހަރެއްގެ މަތީން ގެއްލުން ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތަނުގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހެދުމަށް ކުރީގެ ސިޓީ ކައުންސިލާއި ކަމާބެހޭ މުއައްސަސާތަކުގައި ރަސްމީކޮށް އެކަމަށް އެދިފައިވާ ކަމަށެވެ. އެތައް ފަހަރަކު އެދުނު ނަމަވެސް މިހާތަނަށްވެސް އެކަމަށް ހައްލެއް ލިބިގެން ގޮސްފައިނުވާ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނަރީގެ ހުންނަ މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފައެވެ. އަދި އިއްޔެ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ހ. ދޫވެހި ހިމެނޭ ސަރަހައްދުގެ ވަކި ބައެއްގައި ޕާކު ކުރުން މަނާކޮށްފައެވެ.
ސޮފްވާން ވިދާޅުވީ ހުރިހާ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނުގައި އޮންނަ ކަމަށެވެ. އަދި ވަކި ރައީސަކަށް ކަންކަން ހަމަޖެހިގެން ދިޔަ އިރު، ރައީސް މައުމޫންގެ ގެކޮޅު ކައިރީގައި ޕާކު ކުރާ މައްސަލައަށް މިހާތަނަށްވެސް ހައްލެއް ލިބިގެން ގޮސްފައިނުވާ ކަމީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓުވިޓާ މެދުވެރިކޮށް މި މައްސަލަ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އަދި އެކަމަށް އަވަސް ހައްލެއް ލިބިގެން ދިއުމަށް އެދޭ ކަމަށެވެ.
ރައީސް މައުމޫނަށްވެސް ކުރީގެ ރައީސުންނަށް ދޭ ސެކިއުރިޓީގެ ދަށުން އެމްއެންޑީއެފްގެ ސެކިއުރިޓީ އަންނަނީ ދެމުންނެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ސެކިއުރިޓީވެސް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު