ޔޫއެފާ ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްޕެއިން ކުޅުނު ދެވަނަ މެޗުގައި ޕޮލެންޑާ އެއްވަރުވެގެން ނިމިއްޖެއެވެ.
ސްޕެއިންގެ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައިވެސް ސްޕެއިންއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗަށް ނުކުރްއިރު ޕޮލެންޑް އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް އަތުން ބަލިވެފައެވެ. އެ މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގްރެޒެގޯޒް ކްރީޗޯވިއޭކްއަށް ރަތް ކާޑު ދެއްކާފައިވުމާއެކު މިރޭގެ މެޗަށް އޭނާ ހުރީ ސަސްޕެންޝަނުގައެވެ.
އަނެއްކޮޅުން ސްޕެއިނުން އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ އެއްވަރުވެފައެވެ. އެ މެޗުގައި ސްޕެއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ. ހާއްސަކޮށް ފޯވަޑް ލައިނުން ބޭކާރުކޮށްލި ގިނަ ހަމަލާތަކެއް ވަނީ ފާހަގަވެފައެވެ. މެޗަށް ސްޕެއިނުން ނުކުތީ އެޓޭކަށް ބަދަލުތަކަކާ އެކުގައެވެ. މެންޗެސްޓާ ސިޓީގެ ޒުވާން ފޯވަޑް ފެރަން ޓޮރެސްގެ ބަދަލުގައި މިރޭގެ މެޗަށް ސްޕެއިން ކޯޗު ލުއިސް އެންރީކޭ ނެރެފައި ވަނީ ވިލަރެއާލްއާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރި ޖެރާޑް މޮރޭނޯއެވެ.
ފުރަތަމަ މެޗުގައި ހުސް ފުރުސަތުތަކެއް ބޭކާރުކޮށްލި އަލްވާރޯ މޮރާޓާއަށް އިތުބާރުކޮށް ކޯޗު އެންރީކޭއަށް ވަނީ އޭނާއަށް ފުރުސަތު ދީފައެވެ. މެޗުގެ ފުރަތަމަ ގޯލުވެސް ޖެހީ އޭނާއެވެ. އެއީ މެޗުގައި އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާވެސް މެއެވެ. ޖެރާޑް މޮރޭނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މޮރާޓާ ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް އަމާޒުކޮށްލާފައިވާ އިރު، އެ ގޯލު ޖެހުމަށް ބޯޅަ ލިބުނުއިރު މޮރާޓާ އޮފްސައިޑު މަގާމެއްގައި ހުރިތޯ ބެލުމަށް ވީއޭއާރުގެ އެހީ ބޭނުން ކޮށްފައިވެއެވެ.
ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ނުރައްކާކޮށް ފެނުނީ ޕޮލެންޑްގެ ދެ ހަމަލާއެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑާސްކީ ފޮނުވާލި ބާރު ހަމަލާ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނޭ ސިމޮން ވަނީ މަތަކޮށްފައެވެ.
އެ ހަމަލާއާއެކު ފުރަތަމަ ހާފް ނިމުނީ ސްޕެއިން ކުރީގައި އޮވެގެން ނަމަވެސް ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޕޮލެންޑުންނެވެ. 54 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. ޖޮޒިވިއާކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި، އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ލެވަންޑޯސްކީއެވެ.
މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވި ނަމަވެސް އަނެއްކާވެސް ގޯލަކާ ކައިރިއަށް ޖެހިލީ ސްޕެއިންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް މޮރޭނޯއަށް ޕޮލެންޑްގެ މޮޑާ ފައުލް ކުރިތޯ ބެލުމަށް ވީއޭއާރު ބަލައި، ސްޕެއިނަށް ޕެނަލްޓީއެއް ރެފްރީ ދީފައިވެއެވެ. ޖެރާޑް މޮރޭނޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ޕެނަލްޓީގެ ރީބައުންސް އަމާޒުވެ ރީބައުންސް ބޯޅައިން މޮރާޓާ ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒެއް ނުވިއެވެ.
އޭގެ ފަހުން މެޗުގައި ދެން ފެނުނީ ފުލުފުލުގައި ސްޕެއިންއަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަތަނެވެ. އެ ދެފުރުސަތުވެސް ލިބިފައި ވަނީ މޮރާޓާއަށެވެ. ފުރަތަމަ ހަމަލާ ދިފާއުކުރީ ޑިފެންޑަރެވެ. މުޅިން ހުސްކޮށް ލިބުނު ދެވަނަ ފުރުސަތުގައި މޮރާޓާ ފޮނުވާލި ބޯޅަ ވަރަށް ފަސޭހައިން ގޯލަށް ވައްދާލެވެން އޮތް ނަމަވެސް، އޭނާ ޖެހި ބޯޅަ ޖެހުނީ ގޯލްކީޕަރު ގައިގައެވެ. އޭގެ އިތުުރުން ފޭރާން ޓޮރޭސްއަށް ލިބުނު ހުސް ފުރުސަތެއް އޭނާވެސް ނަގާލިއެވެ.
މިވަގުތު ގްރޫޕް އީގެ އެއްވަނައިގައި ސްވިޑެން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ފަހު ބުރުގެ މެޗުތަކަށްދާ އިރު، ގްރޫޕްގެ ދެވަނަ މަގާމުގައި އޮތީ ސްލޮވޭކިއާއެވެ. ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތް ސްޕެއިން ފަހު މެޗުގައި ނުކުންނާނީ ސްލޮވޭކިއާއާ ދެކޮޅަށެވެ. ފުލުގައި ޕޮއިންޓަކާއެކު ޕޮލެންޑް އޮތް ނަމަވެސް އެޓީމަށްވެސް އަދި އުންމީދު އެބައޮތެވެ.
- މާދަމާ އޮންނަ ގްރުޕް ސްޓޭޖު މެޗުަތައް
21:00 އިޓަލީ - ވޭލްސް
21:00 ސްވިޒަލޭންޑް - ތުރުކީ
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020