ހަމަ އެކަނި ހަރުކަށި ފިކުރުގެ މީހުންނަށް އަމާޒު ކޮށްގެން، ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ އަޑި ނުހޯދޭނެ ކަމަށް، އެ ހަމަލާއާބެހޭ ތަހުގީގުތައް ކުރިއަށްގެންދާގޮތް ބަލައި ފާރަވެރި ވުމަށް އެމްޑީޕީން އެކުލަވާލާފައިވާ ''މެއި 6'' ކޮމެޓީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެ ކޮމިޓީން ކުރައްމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަފީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ އާދައިގެ ހަމަލާއެއްނޫން ކަމަށެވެ. އެއީ އާދައިގެ ތަނެއްގައި ދިން ހަމަލާއެއްނޫން ކަމަށާއި އެ ހަމަލާ ދީފައި ވަނީ، މާލޭގެ ކާރޫބާރު އެންމެބޮޑު މަގުގެ މެދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ހަމަލާގެ ފަހަތުގައި އެތައް ބަޔަކު ތިބޭނެ ކަމަށާއި، އެ އެކަން ރޭވި މީހުންނާއި އެކަމަށް އެހީތެރިވި މީހުންނާއި އެކަމަށް ފައިސާ ހަރަދުކުރި މީހުން ހޯދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަމުގެ ތަހުގީގު މިހާރު ކުރިއަށްދާ ހަނި ވިސްނުމަށްވުރެން ފުޅާވިސްނުމެއްގައި ކޮށްގެން ކަމަށް އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، ''މެއި 6'' ކޮމެޓީގައި ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި، އެފަދަ ކަންކަމުގައި ހަރަކާތެރިވެފައިވާ، ކޮމަންވެލްތުގެ ގައުމު ތަކުގެ ތެރެއިން ގައުމަކުން މީހަކު ހިމަނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ނަޝީދު އެފަދަ މީހަކު ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާބެހޭ ތަހުގީގު ގޮސްފައިވާ ހިސާބެއް ހޯދައި އެކަމާބެހޭ މައުލުމާތު އޮޅުން ފޮނުވުމަށް ކަމާބެހޭ ފަރާތްތަކާ ކޮމިޓީން ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފް އާއި ހިއުމަންރައިޓްސް ކޮމިޝަނާ ބައްދަލުކުރަން ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމައްސަލަ ތަހުގީގު ކުރައްމުންދާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި ފުލުހުންނާއި އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރްއްޔާ އުފައްދަވާފައިވާ އިންޓަލް އޮޑިޓް ކޮމިޓީ އާއި އަދި މި މައްސަލަ ބެލުމަށް ރައީސް ކަނޑައަޅުއްވާ ފައިވާ މަންދޫބާ ބައްދަލުކުރަން ކޮމިޓީން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، އެމްޑީޕީއަކީ 93،000 މެމްބަރުން ހިމެނޭ ޕާޓީއެއް ކަމަށާއި، ރައީސް ނަޝީދަށް ދިން ހަމަލާ އެ އެންމެން ކުށްވެރި ކުރާ ކަމަށެވެ.