ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ، 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންފިއެވެ.

އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ މިއަދު އެ ކޮމިޓީގެ ބައެއް މެމްބަރުން އެމްއެންޑީއެފްގެ އިންޓެގްރޭޓެޑް ހެޑްކުޓާޒް އަށް ވަޑައިގެން މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމްގެ އިތުރުން އެ ކޮމިޓީގެ ނައިބް މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ މި މަހުގެ 23 ގެ ކުރިން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކާ ސުވާލުކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އިންކުއަރީގެ މަސައްކަތްތައް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ނިންމައި ރިޕޯޓް އާންމު ކުރެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ އިންކުއަރީއަށް ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ލިބިގެންދާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދަނީ މަޖިލިސް ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއެކެވެ.

ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އޭގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގުގައި ގޮތަށް އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.