ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިފަހައްޓައިފިއެވެ.

ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގެ ފުލް ކެޕޭސިޓީގައި ސަޕޯޓަރުން ވައްދައިގެން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއީ ހަންގޭރީއަށް ތާރީހީ ބޮޑު ނަތީޖާއެކެވެ. އެޓީމުން ވަނީ ފްރާންސް އަތުން ޕޮއިންޓެއް ހޯދައި ގްރޫޕުގައި އުންމީދު ދަމަހައްޓައިފައެވެ.

މެޗުގެ ކުރިން އެންމެ ބޮޑަށް ދެކުވުނު ވާހަކައަކީ ތާރީހުގެ ވާހަކައެކެވެ. ސަބަބަކީ ހަންގޭރީ އަތުގައި އޮތީ ތާރީހެއް ކަމަށްވާތީއެވެ. 1930 އިން 1980ގެ ފަހު ކޮޅާ ހަމައަށް ހަންގޭރީއަކީ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ފްރާންސްގެ ރަން ޒަމާން އައީ އޭގެ ފަހަށެވެ. 1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ފްރާންސްގެ ނަން ފުޓުބޯޅައިގައި ފަނޑުވުމެއް ނެތެވެ. ހަންގޭރީ އާއި ފްރާންސް މިއަދު ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ކުރިމަތިލާ އިރު، ހެޑް ޓު ހެޑްއިން ހަންގޭރީއަށް ކުރިލިބިފައި އޮތުމަކީ ހައިރާން ކަމެއް ނަމަވެސް އެއީ ހަންގޭރީގެ ފުޓުބޯޅަ ތާރީހުގެ ވަރުގަދަކަން ދައްކުވައިދޭ ރަމްޒެކެވެ.

މެޗުގެ ކުރިންވެސް ބެލެވުނީ ސަޕޯޓަރުންގެ ފޯރިގަދަ، ވަރުގަދަ ކުރިމަތިލުމަކަށް މެޗު ވާނެ ކަމަށެވެ. ފްރާންސުން ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި މެޗަށް ނުކުތީ ފެވަރިޓުންގެ ގޮތުގައި ނަމަވެސް ހަންގޭރީގެ ހޯމްގައި ވަރުގަދަ ޗެލެންޖަކާ ކުރިމަތިވާނެ ކަމަށް އޮތީ ބެލެވިފައެވެ. ހަންގޭރީގެ ބުޑަޕެސްޓްގެ ޔޯހަން ކްރައިފް އެރީނާ ފުލްކޮށް ސަޕޯޓަރުން ވައްދާފައިވާ އިރު، ފްރާންސަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ހަންގޭރީގެ ވަރުގަދަ ޖޯޝެވެ. ސަޕޯޓަރުންގެ ގަދަ އަޑާއެކު ފުރަތަމަ ހާފުގައި ފްރާންސަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގެ ފަހު މިނެޓާ ހަމައަށް ފްރާންސުން މެޗު ކޮންޓްރޯލްކޮށް ހަމަލާތައް އުފެއްދި ނަމަވެސް ހަންގޭރީގެ ހިތްވަރު ފެނުނީ ފަނޑުވުމެއް ނެތިއެވެ. ފަހު މިނެޓާ ހަމައަށް ހިތްވަރު ކުރާނެކަމުގެ ފެހި ސިގުނަލް މެޗުގެ ކުރީކޮޅުގައިވެސް ހަންގޭރީން ދިނެވެ. ހާފުގެ ފަހުކޮޅަށް ދިޔައިރު ފްރާންސުން އެތައް ހަމަލާއެއް ބޭކާރުކުރިއެވެ. ފްރާންސްގެ ތަރި ކިލިއަން އެމްޕާބޭގެ ނުރައްކާތެރި ހަމަލާއެއް ހަންގޭރީގެ ގޯލްކީޕަރު ޕީޓާ ގުލާސީ މަތަކޮށް ބޭރުކޮށްލި އިރު، ރީބައުންސްގައި އެންޓޮއިން ގްރީޒްމަން އުފެއްދި ހަމަލާވެސް މަތަކުރީ ގުލާސީއެވެ. ރީބައުންސަށް މަސައްކަތް ކުރިއިރު ގްރީޒްމަން އޮފްސައިޑެވެ.

ކަރިމް ބެންޒެމާއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ވޮލީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ދެ ކުޅުންތެރިން ނައްޓައި އެމްބާޕޭ ޖެހި ބޯޅަވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ފަހަތުގައި މަޑުކޮށްލައިގެން ތިބެ ކައުންޓާގެ ފުރުސަތަކަށް އިންތިޒާރު ކުރަމުންދިޔަ ހަންގޭރީ ޓީމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކައުންޓާގެ އެންމެ މުހިއްމު ބައިވެރިޔާ، ކެޕްޓަން އެޑަމް ޒަލާއީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި ބާލަން ޖެހުމެވެ.

އެހެންނަމަވެސް ހާފް ނިމުމުގެ ކުރިން، ޓީމަށް ލިބުނު އެންމެ ފުރަތަމަ ފުރުސަތުގައި އެޓީމުން ހައިރާން ކުރުވަނިވި ލީޑެއް ނެގިއެވެ. އަޓިލާ ޒަލާއީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ހަންގޭރީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަޓީލާ ފިއޯލާއެވެ. ޔޯހާން ކްރައިފް އެރީނާ އުފާފާޅުކުރަމުން ދިޔައީ އިނެއް މިނެއް ނެތިއެވެ. އެއް ފުރުސަތުން ގޯލު ހުޅުވާލައި ހަންގޭރީން ދުނިޔޭގެ ޗެމްޕިއަނުން ސިއްސުވާލިއެވެ.

ހަންގޭރީގެ ގޯލާއެކު މާޔޫސް ކަމަށްދިޔަ ފްރާންސުން ދެވަނަ ހާފު ފެށީ ކުރިއަށް ޖެހި ނުރައްކާ ކޮށެވެ. ހާފުގެ ފުރަތަމަ ކޮޅުގައި ޕައުލް ޕޮގްބާގެ ހަމަލާއެއް ހަންގޭރީގެ ގޯލްކީޕަރު ގުލާސީ މަތަކުރި އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެޓޭކަށް ނުކުތް އުސްމާން ޑެމްބޭލޭ އަރިމަތިން ޑިފެންޑަރު ބީޓްކޮށް ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ހަމަލާއަކަށްފަހު ހަމަލާއަކާއެކު ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގައެވެ. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ ގްރީޒްމަންއެވެ.

ޕްރެޝަރު ކުޑަކޮށްލައި ފްރާންސުން ހަމަޖެހިލިއެވެ. ލީޑު ނެގުމަށް މަސައްކަތް ފެށީ އެ ހިސާބުންނެވެ. ބެންޒެމާގެ ބަދަލުގައި އޮލިވިއާ ޖިރޫވެސް ކުޅުމަށް ނެރެ ޓެކްޓިކަލީ ތަފާތު ވިސްނުމަކުން ފްރާންސްގެ އެޓޭކްތައް އުފެއްދޭތޯ މަސައްކަތް ކޮށްފައިވާކަން ފާހަގަވެގެން ދިޔައެވެ. މަތިން ބޯޅައެއްލައި، އެ ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރުމަށް ފްރާންސް މަސައްކަތް ކުރިއިރު، ޖިރޫގެ ފްލިކްއަކުން އެމްބާޕޭ އުފައްދި ބާރު ހަމަލާ ދިޔައީ ހަންގޭރީ ގޯލްކީޕަރު އަތަށެވެ.

ގްރޫޕް އެފްގެ އެއްވަނައިގައި މިވަގުތު އޮތީ ފްރާންސެވެ. އެޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޕޯޗުގަލްއަށް ފުރަތަމަ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެޓީމުން މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، ގަދަ 16 ޔަގީންވާނެއެވެ. ތިންވަނައިގައި މިވަގުތު ހަންގޭރީ އޮތީ މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކުގައެވެ. ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ޖަރުމަނެވެ.

  • މިރޭ ކުރިއަށް އޮތް މެޗުތައް

21:00 ޕޯޗުގަލް - ޖަރުމަން

00:00 ސްޕެއިން - ޕޮލެންޑް