ޔޫރޯ 2020 ގްރޫޕް އެފްގައި ފްރާންސާއި ހަންގޭރީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

1930 އިން 1980ގެ ފަހު ކޮޅާ ހަމައަށް ހަންގޭރީއަކީ ފުޓުބޯޅައިގެ ގަދަ ބާރެއް. ފްރާންސްގެ ރަން ޒަމާން އައީ އޭގެ ފަހަށް. 1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ފްރާންސްގެ ނަން ފުޓުބޯޅައިގައި ފަނޑުވުމެއް ނެތް. ހަންގޭރީ އާއި ފްރާންސް މިއަދު ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ކުރިމަތިލާ އިރު، ހެޑް ޓު ހެޑްއިން ހަންގޭރީއަށް ކުރި ލިބިފައި އޮތުމަކީ ހައިރާން ކަމެއް ނަމަވެސް އެއީ ހަންގޭރީގެ ފުޓުބޯޅަ ތާރީހުގެ ވަރުގަދަކަން ދައްކުވައިދޭ ރަމްޒެއް.

ފްރާންސާއި ހަންގޭރީ މިހާތަނަށް 22 މެޗެއްގައި ކުޅެފައިވާ އިރު، ހަންގޭރީން ވަނީ 12 މެޗެއް ކާމިޔާބު ކޮށްފައި. ފްރާންސުން ހަންގޭރީ ކައިރީ މޮޅުވީ އަށް މެޗުން. ދެ މެޗެއް ނިމުނީ އެއްވަރު ވެގެން. އެހެންނަމަވެސް، އެންމެފަހުން ހަންގޭރީއަށް ފްރާންސް ބަލިކުރެވުނީ 1978 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި.

ހަންގޭރީއާ ދެކޮޅަށް ނުކުންނަ ފްރާންސަކީ ތަރިންގެ ޓީމެއް. އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން. 2016 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ލިބުނު ނަމަވެސް އެޓީމުން މިފަހަރުގެ މުބާރާތަށް ނުކުންނާނީ ތާރީހު އިޔާދަކުރަން. ވޯލްޑް ކަޕަށްފަހު ޔޫރޯ ނަގަން. ޖަރުމަނު ބަލިކޮށް ފްރާންސުން ގްރޫޕް ސްޓޭޖު ފެށީ ވަރުގަދަ ރޫހެއްގައި. ހަންގޭރީ އޮތީ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވެފައި.

މިއަދުގެ މެޗު ކުޅެވޭނީ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި.

  • ކިލިއަން އެމްބާޕޭ - ފްރާންސް
  • އުމުރުން ހަގު ނަމަވެސް ފްރާންސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ
  • ޔޫރަޕްގެ އެންމެ ވިދުން ގަދަ ތަރި
  • 2018 ވަނަ ފްރާންސާއެކު ވޯލްޑް ކަޕް ހޯދި، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ
  • ގައުމީ ޓީމަށް 43 މެޗު ކުޅެ 16 ގޯލް ޖަހާފައިވޭ
  • އެޑަމް ޒަލާއީ - ހަންގޭރީ
  • ބަންޑަސްލީގާގެ މެއިންޒަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިއެއް
  • ޕޯޗުގަލްއާ ދެކޮޅަށް ފެނުނީ ވަރުގަދަކޮށް
  • ޓީމުގެ ކެޕްޓަން
  • ގައުމީ ޓީމަށް 71 މެޗުން 23 ގޯލު ޖަހައިދިން