ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭއަކީ ފުޓުބޯޅައިގެ މާސްޓާ މައިންޑެއްކަން އޭނާގެ ކާމިޔާބީތަކުން ހެކިދެއެވެ. ސްޕެއިން ގައުމީ ޓީމާއެކު އަދި ކާމިޔާބީއަކާ ހަމައަށް ނުގޮސް އޮތް ނަމަވެސް އޭނާގެ ހުނަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. ހާލަތު ކަން ދިމާކުރި ގޮތުން ސްޕެއިންއާއެކު މިހާތަނަށް އޭނާއަށް އެކަށޭނެ ވަގުތެއް، ރަނގަޅު ވިސްނުމެއްގައި ހުރެ ހޯދިފައެއް ނުވެއޭ ބުނެވިދާނެއެވެ. އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންތައްތަކުގެ ސަބަބުން އެންރީކޭއަށް ވަނީ އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހިފައެވެ. އެ ހާލަތުން އަރައިގަނެ މިހާރު ފުޓުބޯޅައަށް ފޯކަސް ހިފާފައި ވާއިރު، އެންރީކޭގެ ނުފެންނަ ފަޅިއެއް އެބައޮތެވެ. ވަކި ކަމެއް ހާސިލު ކުރަން އޭނާ ކުރާ ބުރަ މަސައްކަތާއި، އޭނާގެ ޕްރެގްމެޓިކް ވިސްނުމަށް ނަޒަރެއް ހިންގައިލުމުން ސްޕެއިންގެ ޓީމަށް ގެންނާނެ ބަދަލު އަންދާޒާ ކޮށްލެވިދާނެއެވެ.
ސްޕެއިން ގައުމީ ޓީމާ ހަވާލުވިތާ އަހަރެއްވެސް ނުވަނީސް، 2019 ވަނަ އަހަރު ޖޫން މަހު އޭނާ ކޯޗުކަމުން ބްރޭކެއް ނެގިއެވެ. އަމިއްލަ ސަބަބުތަކަށްޓަކައި އެންރީކޭ ލީވް ނެގީ ލޯބިވާ ދަރިފުޅު ޒާނާއަށް ކަށީގެ ކެންސަރު ޖެހި ފަރުވާ ކުރަން ޖެހުމުގެ ހިތްދަތިކަމުގައެވެ. އެކަން މީޑިއާއަށް އިއުލާން ކުރިތާ ދެމަސްފަހުން އުމުރުން ނުވަ އަހަރުގެ ޒާނާ ވަނީ މަރުވެފައެވެ. އެހިސާބުން އެންރީކޭގެ އާއިލާ ތަކުލީފުގެ ތެރެއަށް ގަރަގު ކޮށްލިއެވެ. އުނދަގޫ ދުވަސްތަކަކާއެކު އެންރީކޭ ވަޓްސްއެޕްއިންވެސް ބޭރު ވެ، ދުނިޔޭގެ އެތައް ކަމަކާ އެކަހެރިވެލިއެވެ.
އެންރީކޭ ގުޅުން ބޭއްވީ ހަމައެކަނި ސްޕެއިންގެ ފެޑަރޭޝަންއާ ކަމަށް އޭނާ ފަހުން ބުންޏެވެ. އެންރީކޭ ނެތްތަން ފޫބައްދަން ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ އެތައް ދުވަހެއް ވަންދެން އެންރީކޭއާއެކު މަސައްކަތް ކުރި ރޮބާޓް މޮރޭނޯއެވެ. އެންރީކޭއާއެކު ބާސާ ބީ ޓީމުން ފެށިގެން މަސައްކަތް ކުރި މޮރޭނޯއަކީ އެންރީކޭއާއެކު ރޯމާ، ސެންލާ ވީގޯ އަދި ބާސާގައިވެސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރި ކޯޗެކެވެ. ސްޕެއިންގެ ޓީމުގައި އެންރީކޭ ނެތްތަން ފޫބައްދަން ހަވާލު ވެ، މޮރޭނޯ ވަނީ ރަނގަޅު ކޮލިފިކޭޝަން ކެމްޕޭނެއް ނިންމާލައިފައެވެ. އެ ކާމިޔާބީއާއެކު އެންރީކޭ އެނބުރި އައިސް ކޯޗުކަމާ ހަވާލުވާން އުޅުމުން މޮރޭނޯ ވަނީ މަގާމުން ދުރަށް ނުދާންވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެހިސާބުން ޒަމާން ވީ މިތުރުން ހަތުރުންނަށް ބަދަލު ވެ، އެންރީކޭ ވަނީ މޮރޭނޯ އޭނާގެ ކޯޗިން ޓީމުން ވަކި ކޮށްފައެވެ.
"މޮރޭނޯ ސްޕެއިންއަށްޓަކައި ކުރި ބުރަ މަސައްކަތާއި، އޭނާގެ އުންމީދުތަކަށް އިހުތިރާމު ކުރަން. އެއީ އަހަންނަށް ކަމުދާ ކޮލިޓީތަކެއް ހުރި ކޯޗެއް. އެކަމަކު މޮރޭނޯ ކަންތައް ކުރީ އިހުލާސްތެރިން ކަންތައް ކުރާ ގޮތަކަށް ނޫން. އެހެންވީމަ އަހަންނަށް މޮރޭނޯ އަހަރެންގެ ސްޓާފުން ތެރޭގައެއް ނުގެންގުޅެވޭނެ،" މޮރޭނޯ ކަންތައް ކުރި ގޮތާ ގުޅިގެން އެންރީކޭ ބުނެފައިވެއެވެ.
ހާލަތުގެ ގޮތުންވެސް އެންރީކޭއަކީ ޓާގެޓަށް ވާސިލުވުމަށް މަސައްކަތް ކުރާނެ "ޓަފް" ކެރެކްޓާއެއްކަން ޔަގީންވާ އެތައް ކަމެއް އެބަހުއްޓެވެ. އެންރީކޭގެ ޓީމުތަކާއެކު ހާޑް، ވަރުގަދަ ތަމްރީނުތައް ހަދައި ޕްރީ ސީޒަން ނިންމާލާއިރު، އެންމެ ފިޓްކޮށް ފެންނާނީވެސް އޭނާއެވެ. އެންރީކޭއަކީ ފިޓްނެސް ފްރީކެކެވެ. ކުޅުނު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް އެކަމަށް ބަދަލެއް ނުގެނެއެވެ. ސްޕެއިންގެ ގިޖޯންގެ ފަރުބަދަތަކުގެ ތެރެއިން ދިރިއުޅުމަށް ހޭނިގެން އައި އެންރީކޭގެ ޓަފްކަން އޭނާގެ މެރަތަންތަކުންނާއި އަޔަން މޭން ޗެލެންޖުތަކުން ސާފުވެއެވެ.
2008 ވަނަ އަހަރު މެރަތަން ޑި ސޭބްލްސްގައި ދުވުމުގެ އިތުރުން އެންރީކޭއަކީ ސާފިންނާއި، ފެތުމުގެ އިތުރުން ބުންވަރުގެ ކޮންމެ ކަމަކަށްވެސް ޝައުވެރިކަން ހުންނަ ކޯޗެކެވެ. ބައިސްކަލުގައި ސްޕެއިންގެ ޕީކޯސް ޑި ޔޫރަޕްއަށް 2007 ވަނަ އަހަރު އެންރީކޭ އަރާފައިވާއިރު، އޭނާ ވަނީ ފްރޭންކްސް ފާޓްގެ އަޔަން މޭން ޗެލެންޖުވެސް ފުރިހަމަ ކޮށްފައެވެ. އެއީ 2.4 މޭލު ފެތުމާއި، 118 މޭލު ސައިކަލު ދުއްވުމާއި، ފުލް މެރަތަންއެއް ޖަހަން ޖެހޭ ޗެލެންޖެކެވެ. އޭގެ އިތުރުން އެންރީކޭ ވަނީ ސަހަރާގައި ހަ ދުވަހަށް ކުރިއަށް ދިޔަ ލެޖެންޑަރީ 155 މޭލުގެ މެރަތަންވެސް ފުރިހަމަ ކޮށްފައެވެ.
އެންރީކޭގެ ކޯޗިން ސްޓައިލުން އޭނާގެ ތަޖުރިބާތައް ފެންނާނެއެވެ. ބުންވަރު ރަނގަޅު ޓީމެއް ބިނާކުރުމަށް އެންރީކޭ ބޭނުން ކުރާ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ސްޓްރިކްޓް އުސޫލުތަކެކެވެ. ހަޔާތުގައި އުފާ ހޯދި ނަމަވެސް އެންރީކޭގެ ވިސްނުމުގައި އުފާތަކާ ކުރިމަތިލާން ޖެހެނީ ފްރޭމްވޯކެއްގެ ތެރެއިން، ހިފެހެއްޓުމުގެ ތެރެއިންނެވެ. ތަމްރީނުތައް މަތިން ބެލުމަށް ވަކި ޕްލެޓްފޯމެއް އަޅައިގެން އެންރީކޭ ބާސާގައި އުފެއްދި އާ އީޖާދުގެ އިތުރުން ޖިމްގެ ހަރަކާތްތަކުގެ ރޫޓީންއަށް ބަދަލު ގެނެސް، ކެއުމަށް ކޮންމެ ކުޅުންތެރިއަކަށްވެސް ވަކީން ހަރުކަށި ޑައިޓެއް ދޭ ކަމަށް އެންރީކޭ ކައިރީ މަސައްކަތް ކުރާ ކުޅުންތެރިން ބުނެފައިވެއެވެ.
އެންރީކޭގެ ފިލޯސަފީ ތަންފީޒުކުރުމަށް އެންމެ ގާތުން މަސައްކަތް ކުރާ ސައިކޮލޮޖިސްޓް ޔޮކިމް ވަލްޑޭސް ފާހަގަކޮށްފައިވާ ގޮތުގައި އެންރީކެ ސިކުނޑި އެންމެ ކުދި ޑީޓެއިލްސްތަކަށް ހިންގި ނަމަވެސް އޭނާ ދޭން ބޭނުންވާ މެސެޖު، އެ ދޭން ބޭނުންވާ ބަޔަކަށް ދޭނީ އަބަދުވެސް ކުރުކޮށެވެ. ސްޕެއިން ކޯޗުކަމާ ހަވާލުވުމަކީ އަބަދުވެސް އެންރީކޭގެ ހުވަފެނެއްގެ ގޮތުގައި ވަލްޑޭޒް ސިފަކޮޮށްފައިވާއިރު، އެންރީކޭ މިހާރު ހުރީ އެ ހުވަފެން ހަގީގަތަކަށް ހަދައި ތަފާތު ދައްކާށެވެ. އަމިއްލަ ފިލޯސަފީ ތަންފީޒުކޮށް، ހިތާމައިގެ ތެރެއިން އަރައިގަންނަން އެންރީކޭ ބޭނުންކުރާ ހަތިޔާރަކީ ފުޓުބޯޅައެވެ.
ސްޕެއިންއަށް ޕްރެޝަރު ބޮޑުކޮށް މުބާރާތުގެ ފެށުން ދިޔައީ އެތައް ނިންމުންތަކެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެނގޭ އެންމެ ބޮޑު ހަގީގަތަކީ އެންރީކޭއަކީ އަމިއްލަ ވިސްނުމެއްގެ ސާބިތު "ކެރެކްޓާއެއް" ކަމެވެ. ބަދަލެއް ގެންނާނީ އަމިއްލައަށް ފެނިގެންނެވެ. އޭނާ ކުޅޭ ގޭމް ކުޅެ ބަލިވާން ދިޔަސް އޭނާ ބަދަލު ނުކުރާނެކަން ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ފެނުނެވެ. ފުރަތަމަ ދެމެޗު އެއްވަރުވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ޓީމު ވަނީ ސްލޮވޭކިއާ ކޮޅަށް ފަސް ގޯލް ޖަހައި މުބާރާތަށް ހޭނިލައިފައެވެ. ގަދަ 16 ގައި މިރޭ ނުކުންނާނީ އެންމެފަހުގެ ވޯލްޑް ކަޕް ރަނަރަޕް ޓީމް ކްރޮއޭޝިއާ ދެކޮޅަށެވެ. މެޗު އޮންނާނީ 21:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު