ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ، ހ. ދޫވެހި ހިމެނޭ ސަރަހައްދުގެ ވަކި ބައެއްގައި ޕާކް ކުރުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް "ވަން" އަށް ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅު ހުންނަ ސަރައްހަދުގެ ބައެއްގައި ޕާކް ނުކުރެވޭ ގޮތް ހަދާފައިވަނީ އެ ގެ ހުންނަ ސަރަހައްދަކީ ކެފޭތައް ގިނަ ސަރަހައްދަކަށްވުމުން، އެ ކެފޭތަކަށް އަންނަ ފަރާތްތަކުގެ ވެހިކަލްތައް މަގުގެ ދެ ފަރާތަށް ޕާކް ކޮށްފައި ހުރުމުގެ ސަބަބުން ދެން އެ މަގުތަކަށް ވަންނަ ވެހިކަލްތައް ބްލޮކްވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
ނަރީޝް ވިދާޅުވީ އެ ސަރަހައްދުގައި ޕާކިން ޒޯންތަކެއް ގާއިމް ކޮށްފައިވާއިރު، އެ މަގުގައި ޕާކު ކުރުން މަނާކުރުމުން، އެ ޕާކިން ޒޯންތަކުގެ ބޭނުން ހިފާ ފަރާތްތައް އިތުރުވާނެ ކަމަށެވެ.
"ދޫވެހި ހުންނަ މަގުގެ ކަންމައްޗަށް ވާ ގޮތަށް ދެ ފަޅިއަށް ޕާކު ކުރެވޭ ގޮތަށް ކުރިން އިނީ. ދެން އެ މަގަށް ވަންނަ އުޅަނދުތައް ބްލޮކްވާތީ އެ ކަންމަތީގަ ޕާކް ނުކުރެވޭ ގޮތް ހެދީ. އޭރަށް އެތާ ހުންނަ ކެފޭތަކަށް އަންނަ ފަރާތްތަކަށްވެސް އާޓިފިޝަލް ބީޗު ކައިރީގަ ހަދާފައި އެ ހުންނަ ޕާކިން ޒޯން ބޭނުން ކުރެވޭނެ. އެ ކަންމަތީގަ ޕާކު ނުކުރެވޭ ގޮތް ހެދީމަ އެ މަގު އެއްކޮށް ހުސްކޮށްލެވޭނެ. ދެން އެ މަގުން ދަތުރުކުރާ އެހެނިހެން ވެހިކަލްތަކަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާ ގުޅިގެން އެމަނިކުފާނު ދިރިއުޅުއްވާ ގެ ކޮޅު ކައިރީގައި ވެސް ޕާކް ނުކުރެވޭ ގޮތް ވަަނީ ހަދާފަ އެވެ. އަދި އެ ހަމަލާ އެ މަނިކުފާނަށް އަމާޒުވީ، އެ މަނިކުފާނު ދިރިއުޅުއްވާ، ގ. ކެނެރީގެ ކައިރީގައި ވެހިކަލްތައް ޕާކް ކުރުމުގެ ސަބަބުން އެމަނިކުފާނަށް ދޭންޖެހޭ ސެކިއުރިޓި ދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ކަމާ ގުޅެ އިދާރާތަކުން އެ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދައި ދިނުމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޔާމިންގެ ގެކޮޅު ކައިރީގައި ޕާކް ނުކުރެވޭ ގޮތް ހެދީ ސެކިއުރިޓި ދިނުމަށް ދަތިތައް ހުރުމުގެ ސަބަބުން ކަމާ ގުޅެ އިދާރާތަކުން ސިޓީ ކައުންސިލަށް އެންގުމުން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން ނަރީޝް ވިދާޅުވީ އެފަދަ ވާހަކަތަކެއް މީޑިއާ އާ ހިއްސާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތް ހަދާފައިވަނީ ވެހިކަލް ދުއްވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމުން އެ މަނިކުފާނު ވަނީ ގޭބަންދަށް ބަދަލު ކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް