Close
ޔޫރޯ 2020

ޒަމާންވީ ވާދަވެރިޔާ ސްކޮޓްލޭންޑް އަތުން ޕޮއިންޓެއް، އިންގްލެންޑް އިތުރު އިންތިޒާރަކަށް

ޔޫރޯ 2020 ގައި އިންގްލެންޑާއި ސްކޮޓްލޭންޑް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

އިންގްލެންޑާއި ސްކޮޓްލޭންޑުގެ ވާދަވެރިކަމަކީ ފުޓުބޯޅައިގައި އެންމެ ޒަމާންވީ ވާދަވެރިކަމެވެ. ސްކޮޓްލޭންޑާއި އިންގްލެންޑް، 1872 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކީ ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ގައުމަކުން ކުޅުނު ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެވެ. އެ ހިސާބުން ފެށިގެން ފެށުނު ވާދަވެރިކަން މިއަދާ ހަމައަށް އައި އިރު، މިރޭގެ މެޗަކީ އެ ދެޓީމު ވާދަކުރި 115 ވަނަ މެޗެވެ.

އިންގްލެންޑުން ވަނީ 48 މެޗެއްގައި ސްކޮޓްލޭންޑް ކައިރިން މޮޅުވެފައެވެ. ސްކޮޓްލޭންޑް ވަނީ 42 މެޗުން މޮޅުވެފައެވެ. 25 މެޗެއް ނިމުނީ އެއްވަރު ވެގެންނެވެ. މިރޭގެ މެޗުގެ ކުރިން އެންމެފަހުން ސްކޮޓްލޭންޑާއި އިންގްލެންޑް ކުރިމަތިލީ 2017 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ޔޫރޯގެ މުބާރާތެއްގައި އެންމެފަހުން އިންގްލެންޑާއި ސްކޮޓްލޭންޑް ކުޅުނީ 1996 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައެވެ. މިހާރު އިންގްލެންޑް ކޯޗަކަށް ހުރި ގެރެތު ސައުތުގޭޓްވެސް އެ މެޗުގައި ކުޅެފައިވެއެވެ.

ވެމްބްލީ އޮތީ ވާދަވެރި މެޗަށް ތައްޔާރުވެފައެވެ. އިންގްލެންޑް ސަޕޯޓަރުން ގިނަކޮށް ފެނުނު ނަމަވެސް ސްކޮޓްލޭންޑް ސަޕޯޓަރުންގެ އަޑުވެސް ސްޓޭޑިއަމްގައި ގަދައެވެ. ކައިރި ދެ ގައުމަށް ވުމާއެކު ސްކޮޓްލޭންޑް ސަޕޯޓަރުންނަށް ދަތުރުކޮށް ދަނޑަށް ދިއުމަށް މާ ބޮޑު ތަކުލީފެއް ނެތެވެ.

ޒަމާންވީ ވާދަވެރިކަމުގެ ޕްރެޝަރު މެޗަށް އޮތެވެ. ވިއްސަރާކޮށް ލަންޑަން ފެނިފައިވާ އިރު، ދަނޑުގެ ވިނަގަނޑުވެސް ތެމިފައި އޮތުމުން މެޗުގެ ކުރީކޮޅުގައި ކުޅުންތެރިންގެ ޕާސްތައް ކޮންމެވެސް ވަރަކަށް ގެއްލިގެން ދިޔަތަން ފެނުނެވެ. މިރޭގެ މެޗަށް އިންގްލެންޑަށް ނެރުނު ފުރަތަމަ 11، ކްރޮއޭޝިއާ ދެކޮޅަށް ނެރުނު 11 އާ ކޮންމެވެސް ވަރަކަށް ތަފާތެވެ. ޗެލްސީއަށް ކުޅެމުން އަންނަ ރީސް ޖޭމްސްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ސައިޑް ބެކް ލޫކް ޝޯވެސް ވަނީ މެޗުގައި ފަށައިފައެވެ.

ފުރަތަމަ ހަމަލާ ފެނުނީ ސްކޮޓްލޭންޑުންނެވެ. ސެޓެފަން އޯ ޑެނެލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެޑަމްސް ފޮނުވާލި ހަމަލާ، އިންގްލެންޑް މިޑްފީލްޑަރު ޑެކްލެން ރައިސް ވަނީ ގޯލް ކުރިމަތިން ބްލޮކްކޮށްފައެވެ. ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް ދެޓީމުންވެސް ހަމަލާ އުފައްދާ ނުރައްކާ ކުރިއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ޖޯން ސްޓޯންސްގެ ފަރާތުން ފެނުނު ހަމަލާއަކީ ހާފުގައި އިންގްލެންޑަށް ލިބުނު އެންމެ ފަހި ފުރުސަތެވެ. މޭސަން މައުންޓްގެ ކޯނަރަށް ހުސްކޮށް އަރައި ސްޓޯންސް ބޮލުން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ރީބައުންސްގައި އެ ބޯޅަ އަލުން ފޮނުވާލަން ސްޓޯންސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އޭގެ ފަހުން އިންގްލެންޑްގެ ފަރާތުން ސީދާ ހަމަލާއެއް ނުފެނުނު ނަމަވެސް މައުންޓާއި ރަހީމް ސްޓާލިން ދިޔައީ ރަނގަޅު ފުރުސަތަކަށް ތުރޫ ޕާސްތައް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފުގައި ސްކޮޓްލޭންޑުން އެންމެ ނުރައްކާކުރީ އޯ ޑޮނެލްގެ ހަމަލާއަކުންނެވެ. އަރިމަތިން ކުރިއަށް ޖެހި ރޮބަޓްސަން ނަގައިދިން ބޯޅަ އޭނާ ބާރަށް ފޮނުވާލި ނަމަވެސް އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ވަރަށް އަވަހަށް ބިމަށް ވެއްޓި ބޯޅަ ދުއްވާލައިފައެވެ.

ދެވަނަ ހާފަށް ވަރުގަދަކޮށް ނުކުތީ ހޯމް ޓީމު އިންގްލެންޑުންނެވެ. ހާފުގެ ކުރީކޮޅުގައި ދެ ފުރުސަތެއް ތަނަވަސްކުރިއެވެ. ޝޯގެ ހުރަސް ފިލް ފޮޑެންގެ ފައިގަ ލައްވައިނުލައި ދިޔަ އިރު، މައުންޓް ޕެނެލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ބޭރަށް ޕަންޗު ކޮށްލީ ސްކޮޓްލޭންޑް ގޯލްކީޕަރު ޑޭވިޑް މާޝަލްއެވެ. އޭގެ ދެތިން މިނެޓްފަހުން ފަހުން މައުންޓާއެކު ޗެލްސީއަށް ކުޅޭ ޖޭމްސްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީވެސް ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ވަރަށް ބޮޑަށް ހުޅުވިގެން ދިޔަތަން ފެނުނެވެ. އޯޕަން ޕްލޭތައް ގިނަވެ، ހަމަލާތައްވެސް އިތުރުވިއެވެ. އިންގްލެންޑަށް ނުސީދާ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް އެ ފުރުސަތުތަކަށް މެދުތެރެއިން ހުރަސް އެޅުމުގައި ސްކޮޓްލޭންޑްގެ ޓީމަށް ކުޅެމުންދިޔަ ޔުނައިޓެޑްގެ ޑިފެންޑިން މިޑްފީލްޑަރު ސްކޮޓެ މެކްޓޮމެނީއާއި ޗެލްސީގެ ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ ފާހަގަކުރެވުނެވެ. ނަތީޖާ 0-0 އެއްގައި ހިފެހެއްޓުމަށް އެ ދެކުޅުންތެރިންވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ލީޑު ނުނެގީ ހަމަ ކިރިޔާއެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން އޭރިއާ ތެރޭގައި ހުރި ޑައިކްސް ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ބޭރުކޮށްލީ އިންގްލެންޑް ޑިފެންޑަރު ރީސް ޖޭމްސް އެވެ. އޭގެފަހުންވެސް އިންގްލެންޑް ކުރިއަށް ޖެހުމުގެ ފައިދާ ނަގައި، ސްކޮޓްލޭންޑުން ވަނީ ކައުންޓާގައި ނުރައްކާކޮށް ފެނިފައެވެ. ކެޕްޓަން އެންޑީ ރޮބާޓްސަން ކުރިއަށް އަރައި އުފައްދާ ހަމަލާތައް ނުރައްކާކޮށް ފެނުނު އިރު، އޭނާގެ ބޯޅައަކުން ޗޭ އެޑަމްސް ޖެހި ބޯޅައެއްވެސް ގޯލާ އަމާނުވެ ދިޔައީ ކިރިޔާއެވެ.

ނަތީޖާއާއެކު އިންގްލެންޑް އޮތީ ގްރޫޕް ޑީގެ ދެވަނައިގައެވެ. އެޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ޗެކު ރިޕަބްލިކަށްވެސް ދެމެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ޗެކު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި އޮތީ ކްރޮއޭޝިއާއެވެ. ހަތަރު ވަނައިގައި ސްކޮޓްލޭންޑް އޮތް އިރު، އެ ދެޓީމަށްވެސް ލިބިފައި ވަނީ ޕޮއިންޓެކެވެ.

މާދަމާގެ ގްރޫޕް ސްޓޭޖު މެޗުތައް

18:00 ހަންގޭރީ - ފްރާންސް
21:00 ޕޯޗުގަލް - ޖަރުމަން
00:00 ސްޕެއިން - ޕޮލެންޑް