ގދ. ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

ތިނަދޫގައި ކޮވިޑް ފެތުރޭތީ އެރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އިއްޔެއާއި މިއަދު އެރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 34 މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ، ތިނަދޫގައި މިހާރުވެސް ހަވީރު 4:00 އިން ފަތިހު 4:00 އަކަށް ކާފިއު ހިންގަމުން އަންނަ ކަމަށާއި ކޭސްތައް އިތުރުވެ، އިތުރު ފިޔަވަޅެއްގެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރަށް ނުކުމެވޭނީ ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ދޫކުރާ ޕާމިޓާއިއެކުގައި ކަމަށެވެ.

ތިނަދޫގެ ފިޔަވަޅުތައް ހަރުކަށި ކުރީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމަކަށެވެ.

ތިނަދޫގައި ރެންޑަމް ސާމްޕަލް ނަގަމުން އަންނަ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ސައުދު ވިދާޅުވި ގޮތުގައި އެރަށުގައި އޮތީ ކޮމިޔުނިޓީ ސްޕްރެޑެކެވެ.

ތިނަދޫގައި ޖުމްލަ 430 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި 189 މީހުން އެބަތިއްބެވެ. އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 400 އާ ގާތް ކުރެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ތިނަދޫގައި ތިން މީހަކަށް އަންނަނީ އެނދުމަތިކޮށްގެން ފަރުވާދެމުންނެވެ.