ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ފިންލޭންޑާ ދެކޮޅަށް ކުޅުނު ޔޫރޯ 2020ގެ ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓަކާއެކު ދަނޑު މައްޗަށް ވެއްޓުނު އެރިކްސަންއަށް ފަރުވާ ދީފައިވަނީ ކޯޕަންހޭގަންގެ ރިގްސް ހޮސްޕިޓަލުގައެވެ. އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.

އެރިކްސަން ވަނީ ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އޭނާގެ ހާލު ރަނގަޅުކަން އޭގެ ފަހުން ޔަގީން ކޮށްދީފައެވެ. ޑެންމާކު އެފްއޭއިން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލުގައި އެރިކްސަންގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އެންމެ ފަހުން ކުރި ޓެސްޓުތަކުން އެނގުނީ އެރިކްސަން ހިތަށް އައިސީޑީއެއް ލައްވަން ޖެހޭ ކަމެވެ. އަދި އެގޮތަށް ޑެންމާކުގެ ޑޮކްޓަރު މާޓިން ބޮއެސަން ލަފާދިނުމާ އެކު އެރިކްސަން އެއްބަސްވެފައިވާ ކަމަށް ވެއެވެ.

މިރޭ ޑެންމާކު އެފްއޭއިން ބުނެފައި ވަނީ ކާމިޔާބު ސާޖަރީއަކަށްފަހު އެރިކްސަން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ ހެލްސިންގޯ އަށް ގޮސް، ޑެންމާކު ޓީމާ ބައްދަލުކޮށްފައެވެ. އެއަށްފަހު އޭނާ މިހާރު ގެއަށް ގޮސްފައިވާ ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ.

އެރިކްސަން ވަނީ ޓީމާ ބައްދަލުކޮށް، ހާއްސަ މެސެޖެއްވެސް ދީފައެވެ.

"ދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އޮޕަރޭޝަން ކާމިޔާބު. އަހަރެންގެ ހާލު ރަނގަޅު. ޓީމާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ރޭ ޑެންމާކު ކުޅުނު މެޗަކީ ވަރުގަދައަށް ކުޅުނު މެޗެއް. ދެން އޮތް ރަޝިއާ މެޗަށް އަހަރެން ޓީމާއެކު ހުންނާނަން. ތަރުހީބު ދޭނަން،" އެރިކްސަން ޓީމަށް ދިން މެސެޖުގައިވެއެވެ.

އުމުރުން 29 އަހަރުގެ އެރިކްސަންގެ ހިތަށް ލެއްވި އައިސީޑީއަކީ ހިތުގެ ހިނގުމަށް ދައްޗެއް ކުރިމަތިވެ، ހިނގުމުގެ ރިދަމް ގެއްލިގެންދާނެ ވަގުތެއް އައިސްދާނެތީ، ހިނގުން ވަކި މިނެއްގައި ކޮންޓްރޯލް ކުރުމަށް ލައްވާ އެއްޗެކެވެ.

އެރިކްސަން އިތުރަށް ފުޓުބޯޅަ ކުޅޭނެ ކަމާ މެދު އަދިވެސް އޮތީ ސުވާލުތަކެއް އުފެދިފައެވެ. ހިތަށް އައިސީޑީ ލެއްވުމަށްފަހުވެސް ބައެއް އެތުލީޓުން ކުޅިވަރުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް ކާޑިއެކް އެރެސްޓްއަކަށް ދާ ކުޅުންތެރިންނަށް އަލުން ބޮޑެތި ލީގުތަކުގައި ކުޅުމަށް ދަތިތަކާ ދިމާވެއެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ވަރަށް ގިނަ ޓެސްޓުތަކެއް ހަދައިގެން ނޫނީ އެފަދަ ހާލަތްތަކެއްގައި ހުރި ކުޅުންތެރިންނަށް ފުރުސަތެއް ނުދެއެވެ. އެރިކްސަން މިވަގުތު ކުޅެމުން އަންނަނީ އިޓަލީގެ އިންޓަ މިލާނަށެވެ.