ޖަލުތަކުގައި ގައިދީން ބައިތިއްބާ ގޮޅިތަކަށް މޯބައިލް ނެޓްވޯކް ނުލިބޭނެ ގޮތެއް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ޖަލުތަކުގައި ގައިދީން ފޯނު ގެންގުޅޭ މައްސަލައިގައި 'ވަން'އާ ވާހަކަ ދައްކަވަމުން ކޮމިޝަނަރު އަހްމަދު މުހައްމަދު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް އެކި އިރު އެކި ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށާއި މީގެ ކުރިން ޖޭމަރު ހަރުކޮށްގެން ވެސް މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްލޭންއަކީ ޖަލުގައި ގޮޅީގެ އެތެރެއަށް ނެޓްވޯކް ނުވައްނާނެ ސޮލިއުޝަނެއް ގެނައުން،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
އެކަން ކުރަން ބޮޑެތި ޗެލެންޖުތަކެއް ހުރިކަން ފާހަގަކުރައްވައި ކޮމިޝަނަރު އަހްމަދު މުހައްމަދު ވިދާޅުވީ، ޖަލުތައް ހުރީ އާންމުން ދިރިއުޅޭ ރަށް ރަށުގައި ކަމަށާއި އެގޮތުން ދެ ޖަލު ހުރި ކ. ހިންމަފުއްޓާއި މާފުއްޓަކީ ލޯކަލް ޓުއަރިޒަމްގައި ވެސް ވަރަށް ކުރީގައި އޮތް ދެ ރަށް ކަމަށެވެ. އެހެން ކަމުން ލޯކަލް ޓުއަރިޒަމަށް ގެއްލުން ނުވާނެ ގޮތަކަށް އެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކާ ވާހަކަ ދައްކައިގެން އެސިސްމެންޓެއް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ވަނީ ތިން ހަތަރު ސޮލިއުޝަނެއް އަޅުގަނޑުމެނަށް ލިބިފައި. އެހެން ނަމަވެސް ސެކިއުރިޓީ ރީޒަނަށް ބަލާފައި އެ ހުރިހާ ކަމެއް މިވަގުތު އަޅުގަނޑަކަށް ނެތް ހިއްސާކުރެވޭކަށް." އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޖަލުތަކުގައި ޖޭމަރު ހަރުކޮށްގެން ގައިދީން ފޯނު ބޭނުންކުރިޔަ ނުދިނުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ލިބިފައި ނުވާކަން އަހްމަދު މުހައްމަދުފުޅު ފާހަގަކުރެއްވި އެވެ. އަދި މޫދާއި ކައިރީގައި ޖަލު ހުރުމުން ލޮނުގެ އަސަރުކޮށްގެން އޭގެ ތެރެއިން ބައެއް ޖޭމަރުތައް ހަލާކުވެފައި ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު