އަންނަ އޮގަސްޓު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކޮވިޑު ފެތުރޭލެއް އިންތިހާއަށް އިތުރުވުމުގެ ސަބަބުން މިދިޔަ މަހު ރާއްޖޭގެ ފަތުރުވެރިކަން 45 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ. ނަމަވެސް ކޭސްތައް މިހާރު މަދުވަމުން އަންނާތީ، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިދިޔަ މަހަކީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހުނު މަހެވެ. އަދި ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވީވެސް ހުސްވި މެއި މަހުގައެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ އޮގަސްޓު މަހުން ފެށިގެން ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް. އިރާދަކުރެއްވިއްޔާ ކުރިން ޓޫރިޒަމް އޮތް ހާލަތަށް އޮގަސްޓް މަހުގައި ދެވޭނެ. ނަމަވެސް އެއީ ކޭސްތައް ދަށަށް ގޮސްފިނަމަ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، މިއަހަރުގެ ޓޫރިސްޓު ސީޒަނުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށާއި މިއަހަރަށް ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލު ވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެގޮތުން ރާއްޖެއަށް ދަތުރުކުރުމުގައި ޓްރެވެލް އެޑްވައިޒަރީ ނެރެފައިވާ ޔޫރަޕުގެ ބައެއް ގައުމުތަކުން އެ ފިޔަވަޅުތައް ލުއި ކުރަން ފަށާނެ ކަމަށާއި އެއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ މާކެޓަކީ މުހިންމު މާކެޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމުން ރާއްޖެ ''ފުރޭނެ'' ކަމަށެވެ. އަދި ޗައިނާ ހުޅުވާލުމާއެކު އެންމެ ފުރަތަމަ ކުރާ ފްލައިޓުތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް 500،000 އެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައީ އިންޑިއާގެ އިތުރުން ރަޝިއާއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު