ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެދަލޭންޑްސްއިން ޔޫރޯގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އެމްސްޓެޑާމްގައި މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި 2-0 އިން އޮސްޓްރިއާ ބަލިކޮށް ނެދަލޭންޑްސްއިން ގަދަ 16 އަށް ދަތުރު ކޮށްފައި މިވަނީ 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. 2008 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް ވާދަކޮށްފައިވާ އިރު، ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަހެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވެއެވެ.

މިރޭގެ މެޗަށް ނުކުތްއިރު ދެޓީމުވެސް ވަނީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައެވެ. އޮސްޓްރިއާއިން މޮޅަކާއެކު މުބާރާތް ފެށި މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ޔޫކްރެއިން ބަލިކުރީ 3-2 އިންނެވެ. ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން މިރޭގެ މެޗަކީ ގަދަ 16 ޔަގީންކުރަން ދެޓީމަށްވެސް ލިބުނު ރަނުގެ ފުރުސަތެކެވެ.

ދެޓީމުގެ ކުރިމަތިލުންތަކުގައި ތާރީހު އޮތީ ނެދަލޭންޑްސް އަތުގައެވެ. އޮސްޓްރިއާއިން އެންމެފަހުން ނެދަލޭންޑްސް ބަލިކުރީ 31 އަހަރު ކުރިންނެވެ. ވިއޭނާގައި ކުޅުނު އެ މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ދެ ޓީމު ކުޅުނު ހަ މެޗުންވެސް މޮޅުވީ ނެދަލޭންޑްސްއެވެ. އޮސްޓްރިއާއިން ނުކުތީ އުނދަގޫ ޗެލެންޖަކަށް ކަން އެ ތަފާސް ހިސާބުތަކުން އެނގެއެވެ.

މިރޭގެ މެޗަށް ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި އޮސްޓްރިއާ ނުކުތީ އެޓީމުގެ ވަރުގަދަ ފޯވަޑް އަރްނޯޓޮވިޗް ނުލައެވެ. އޭނާ ހުރީ ސަސްޕެންޝަނުގައެވެ. އެންމެފަހުން ކުޅުނު މެޗުގައި ޖެހި ގޯލަށްފަހު އުފާފާޅުކުރަމުގެ ތެރޭގައި އަލްބޭނިއާ ނަސްލަށް ނިސްބަތްވާ މެސަޑޯނިއާގެ ދެ ކުޅުންތެރިޔަކަށް އަމާޒުކޮށް އަތުން ދެއްކި އިޝާރާތެއްގެ ސަބަބުން ޔޫއެފާއިން ވަނީ އަރްނޯޓޮވިޗް އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަކޮށް ފެނުނީ ނެދަލޭންޑްސްގެ އެޓޭކެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި ހަމަލާތައް މަދެވެ. ބޯޅަ ހިފަހައްޓައިގެން ވަރުގަދަކޮށް ކުޅުނީވެސް ނެދަލޭންޑްސްއިން ނަމަވެސް އެޓީމަށްވެސް އެންމެ އެކަށޭނެ ނުރައްކަލެއް އޮސްޓްރިއާ ގޯލަށް ނުކުރެވުނެވެ. އޮސްޓްރިއާގެ ފަރާތުން ހާފުގައި ފެނުނީވެސް އެންމެ ހަމަލާއެކެވެ.

ހަމަލާތައް މަދު ނަމަވެސް ނެދަލޭންޑްސްއިން ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. ޕެނެލްޓީގައި އެޓީމަށް ލީޑު ނަގައިދިނީ މެމްފިސް ޑިޕާއީއެވެ. ނެދަލޭންޑްސްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީސްއަށް އޮސްޓްރިއާ ކެޕްޓަން ޑޭވިޑް އަލާބާ ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނެލްޓީ ދިނީ ވީއޭއާރް ބެލުމަށް ފަހުގައެވެ.

ގޯލަށްފަހުވެސް ފުރަތަމަ ހާފުގައި ފުރުސަތު ލިބުނީ ހަމަ ޑިޕާއީއަށެވެ. އޭގެ ތެރޭގައި ހާފް ނިމެން ދަނިކޮށް އޭނާއަށް ލިބުނު ހުސް ފުރުސަތު ފާހަގަ ކޮށްލެވުނެވެ. ވެގްހޯސްޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޑިޕާއީ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޮސްޓްރިއާއިން ފުރަތަމަ ހާފުގައި އުފެއްދި ހަމައެކަނި ހަމަލާއަކީ ހިންޓެރޭގާ ދުރުން ފޮނުވާލި ބާރު ހަމަލާއެކެވެ. އެ ހަމަލާ ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅުނީ ނެދަލޭންޑްސްއިންނެވެ. ހަމަލާތައް މަދު ނަމަވެސް އެޓީމުން މެޗުގައި ކުޅެމުން ދިޔައީ ހަމަޖެހިލައިގެން ކޮންޓްރޯލް ގައެވެ. އުފައްދާ މަދު ހަމަލާތައް ނުރައްކާވެސް މެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ނެދަލޭންޑްސްއަށް ލިބުނު ކޯނަރެއްގައި ދެ ފުރުސަތަކުން ނުރައްކާކުރިއެވެ. ކޯނަރަކުން ސްޓެފަން ޑި ވްރީޖް ފޮނުވާލި ހަމަލާ އޮސްޓްރިއާގެ ކީޕަރު ޑެނިއަލް ބެޗްމަން މަތަކުރި އިރު، ރީބައުންސް ބޯޅައިން މެތިއަސް ޑި ލީގްޓް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ.

އޭގެ އިރުކޮޅެއްފަހުން ދެވަނަ ގޯލެއް ޖަހައި ނެދަލޭންޑްސްއިން ގަދަ 16 ޔަގީން ކުރިއެވެ. ޑޮންޔެލް މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ. ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނެދަލެންޑްސް އިން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖަހައިދިނީ ޑަމްފްރީސްއެވެ. މިރޭގެ ގޯލާއެކުވެސް ޔޯހަން ކްރައިފް އެރީނާ ދިޔައީ ކެކިގެންނެވެ.

ނެދަލޭންޑްސްއިން ދެ ގޯލުގެ ލީޑެއް ނަގައި، ފަހަތަށް ޖެހިލިއެވެ. ނެދަލޭންޑްސް ފަހަތަށް ޖެހިލި ވަގުތުގެ ބޭނުން ހިފައި އޮސްޓްރިއާއިން ކުރިއަށް ޖެހިލިއެވެ. އަލާބާއާއި ދުރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު، އޮނިސިވޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސްގެ ކީޕަރު މާޓެން ސްޓެކެލެންބާގް އަތަށެވެ.

މެޗުން ތިން ޕޮއިންޓް ޔަގީންކޮށް، ނެދަލޭންޑްސް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. އެޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ޔޫކްރެއިނަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޮސްޓްރިއާވެސް ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އިރު، ގްރޫޕްގައި އޮސްޓްރިއާ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ދެވަނައިގައި އޮތް ޔޫކްރޭނާ ދެކޮޅަށެވެ. ހަތަރު ވަނައިގައި އޮތް ނޯތު މެސަޑޯނިއާއަށް ގާތްގަނޑަކަށް ގަދަ 16 އުންމީދު ގެއްލިފައިވާ އިރު، އެޓީމުން ފަހު މެޗުގައި ނުކުންނާނީ ވަރުގަދަ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

  • މާދަމާ އޮންނަ ގްރޫޕް ސްޓޭޖު މެޗުތައް

18:00 ސްވިޑެން - ސްލޮވާކިއާ

21:00 ކްރޮއޭޝިއާ - ޗެކް ރިޕަބްލިކް

00:00 އިންގްލެންޑް - ސްކޮޓްލޭންޑް