ދިވެހި ފުލުހުންގެ ހިދުމަތުން ހިއްސާކޮށްފައިވާ ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް) އިން އިސްލާހު ހުށަހަޅައިފި އެވެ.

މި ގަވާއިދު އިންސާނީ ހައްގުތަކުގެ ނަޒަރުން ރިވިއު ކުރުމަށްފަހު އެޗްއާރްސީއެމުން ވަނީ ޖުމްލަ 88 އިސްލާހަކާއެކު ފުލުހުންނާ ހިއްސާކޮށްފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ހިދުމަތާއި އިނާޔަތްތައް ތައާރަޒުނުވާނެހެން ވަކި ހިދުމަތްތަކެއްގެ ގޮތުގައި ގަވާއިދުގެ މާއްދާތަކުގައި ބަޔާންކުރުމާއި އެއްވެސް ހާލަތެއްގައި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީންނާއި ގާނޫނާ ގަވާއިދުތަކުން ލިބިދޭ އެއްވެސް އަސާސީ ހައްގެއް އެއްވެސް މިންވަރަކަށް އުނި ނުކުރުމާއި މެދުކަނޑައިނުލުން ހިމެނެއެވެ.

ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެމަތިން ގާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ އެފަދަ ބަންދުމީހުންނަށް ރިމާންޑް ޖަލަކުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާ އިނާޔަތްތައް އެ ފަރާތްތަކަށް ލިބިދެވޭކަން ކަށަވަރުކުރުމާއި ވީހާވެސް އަވަހަށް މިފަދަ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެއެވެ.

އެމީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނަށާއި ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ވީހާވެސް ބޮޑަށް އެއްބަޔަކު އަނެއްބަޔެއްގެ އަޑާއި ހަރަކާތްތައް ނުފެންނާނެހެން އަދި އެފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެޗްއާރްސީއެމުން އެދިފައިވެއެެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ހައްގުތަކާއި އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭކަން ކަށަވަރުކުރުމާއި މިފަދަ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.