ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނެދަލޭންޑްސްއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ދެޓީމުވެސް ވަނީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި. އޮސްޓްރިއާއިން މޮޅަކާއެކު މުބާރާތް ފެށި މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ޔޫކްރެއިން ބަލިކުރީ 3-2 އިން.

ދެޓީމުގެ ކުރިމަތިލުންތަކުގައި ތާރީހު އޮތީ ނެދަލޭންޑްސް އަތުގައި. އޮސްޓްރިއާއިން އެންމެފަހުން ނެދަލޭންޑްސް ބަލިކުރީ 31 އަހަރު ކުރިން. ވިއޭނާގައި ކުޅުނު އެ މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުން. އޭގެ ފަހުން ދެ ޓީމު ކުޅުނު ހަ މެޗުންވެސް މޮޅުވީ ނެދަލޭންޑްސް.

މިރޭގެ މެޗަށް ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި އޮސްޓްރިއާ ނުކުންނަ އިރު، އެޓީމުގެ ވަރުގަދަ ފޯވަޑް އަރްނޯޓޮވިޗް ހުރީ ސަސްޕެންޝަނުގައި. އެންމެފަހުން ކުޅުނު މެޗުގައި ޖެހި ގޯލަށްފަހު އުފާފާޅުކުރަމުގެ ތެރޭގައި އަލްބޭނިއާ ނަސްލަށް ނިސްބަތްވާ މެސަޑޯނިއާގެ ދެ ކުޅުންތެރިޔަކަށް ބޭއަދަބީ ބަހުން ވާހަކަ ދައްކައިގެން ޔޫއެފާއިން ވަނީ އަރްނޯޓޮވިޗް އެއް މެޗަށް ސަސްޕެންޑް ކޮށްފައި.

  • ނެދަލޭންޑްސް - ޖޯޖީނިއޯ ވައިނާލްޑަމް
  • މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހި
  • ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގާއި އިނގިރޭސި ލީގު ހޯދި ވައިނާލްޑަމް އަންނަ ސީޒަންގައި ކުޅޭނީ ޕީއެސްޖީއަށް
  • ގައުމީ ޓީމަށް ކުޅުނު 74 މެޗުން އޭނާ ވަނީ 23 ގޯލް ޖަހައިދީފައި
  • ޔޫރޯ ކޮލިފައިންގައި ނެދަލެންޑްސްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ ވައިނާލްޑަމް
  • އޮސްޓްރިއާ - ޑޭވިޑް އަލާބާ
  • އެންމެފަހުން ކުޅުނު މެޗު އަނބުރާލުމަށް އަލާބާގެ ދައުރު ބޮޑު
  • ގައުމީ ޓީމަށް 82 މެޗު ކުޅެ 14 ގޯލް ޖަހައިދިން
  • ޑިފެންޑަރަކަށްވެސް، މިޑްފީލްޑަރަކަށްވެސް އަލާބާ ފިޓް
  • ބަޔާން މިއުނިކާއެކު ކްލަބު ފުޓުބޯޅައިގެ ހުރިހާ ތަށްޓެއް ހޯދި އަލާބާ އަންނަ ސީޒަން ކުޅޭނީ ރެއާލް މެޑްރިޑަށް
  • ހަތް ފަހަރު އޮސްޓްރިއާގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި