ޔޫރޯ 2020

ޑިބްރޭނާ އަރައި، ބެލްޖިއަމް ގޮވައިގެން ގަދަ 16 އަށް

ޔޫރޯ 2020 ގެ ގްރޫޕް ބީގައި ބެލްޖިއަމްއިން ކުޅުނު ދެވަނަ މެޗުގައި ޑެންމާކު ބަލިކޮށް، އެޓީމުން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބެލްޖިއަމް ޖެހި ދެ ގޯލުގައިވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާގެ ހުނަރެވެ.

މިރޭގެ މެޗަށް ބެލްޖިއަމް ނުކުތީ ފުރަތަމަ މެޗުގައި 3-0 އިން ރަޝިއާ ބަލިކޮށްފައި އޮވެގެންނެވެ. މި މެޗުގެ ކުރިން ޑެންމާކުން ކުޅުނު ފުރަތަމަ މެޗަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗެވެ. ފިންލޭންޑާ ދެކޮޅަށް ޑެންމާކުން އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މެޗުގެ ކުރިން ދަނޑުމަތިން ޑެންމާކް ޕްލޭމޭކަރު އެރިކްސަންގެ ނަންބަރު ޖެހި ޖާޒީ ދައްކާލައިފައިވާ އިރު، ބެލްޖިއަމްގެ ފަރާތުން ކެޕްޓަން ޖާން ވާޓޮންގެން، ޑެންމާކުގެ ކެޕްޓަން ސިމޮން ކެޔާއަށް ބެލްޖިއަމް ކުޅުންތެރިން ސޮއިކޮށްފައިވާ ކްރިސްޓިއަން އެރިކްސަންގެ ޖާޒީއެއް ހަދިޔާކޮށްފައިވެސް ވެއެވެ. އޭގެ އިތުރުން މެޗުގެ 10 ވަނަ މިނެޓުގައި ކުޅުން ހުއްޓާލައި، މުޅި ސްޓޭޑިއަމްއާއި ކުޅުންތެރިން، އަދި އޮފިޝަލުންވެސް ވަނީ އެރިކްސަންއަށް ޓްރިބިއުޓެއްގެ ގޮތުން މިނެޓެއް ވަންދެން އަތްތިލަ ބަޑި ޖަހައިފައެވެ. ކޮމެންޓްރީގެ ވާހަކަތަކަށް ބަލައި، އެރިކްސަންއަށް ފަރުވާ ދެމުންދިޔަ ދަނޑު ކައިރީ ހޮސްޕިޓަލަށް ދަނޑުގެ އަޑު ފޯރާނެ ކަމަށް ބެލެވެއެވެ.

ބެލްޖިއަމްއަކީ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމު ނަމަވެސް ޑެންމާކު ފެށީ ހިތްވަރާއެކުގައެވެ. އެއް މިނެޓާއި 39 ސިކުންތު ތެރޭގައި އެޓީމުން ލީޑުވެސް ނެގިއެވެ. ޔޫސުފް ޕައުލްސަން ޖެހި އެ ގޯލަކީ ޔޫރޯ ތާރީހުގައިވެސް ދެވަނައަށް އެންމެ އަވަސް ގޯލެވެ. ޔޫރޯގެ އެންމެ އަވަސް ގޯލު 2004 ވަނަ އަހަރު މުބާރާތުގައި ޖެހީ ރަޝިއާގެ ޑިމިޓްރީ ކިރިޗެންކޯއެވެ. އޭނާ އެ ގޯލު ޖެހީ ގްރީސް ކޮޅަށެވެ.

ޑެންމާކުގެ ގޯލާއެކު ޕާކެން ސްޓޭޑިއަމް ގުގުމާލިއެވެ. ހިތްދަތި ފުރަތަމަ މެޗަށްފަހު އެޓީމުގެ ހިތްވަރާއި ސާބިތުކަމަށް ސަޕޯޓަރުން ފުރިހަމައަށް ލޯބި ދިނެވެ. އަޑު ބާރުކޮށް މުޅި މެޗުގައިވެސް ސަޕޯޓަރުން ޓީމަށް ހިތްވަރު ދެމުންދިޔަ އިރު، ފުރަތަމަ ހާފުގައި ފެނުނީ މުޅިންހެން ޑެންމާކުގެ އެޓޭކްތަކެވެ.

ގޯލަށްފަހު ތިން ވަރަކަށް މިނެޓް ފަހުން ޑެންމާކުން ލީޑު ފުޅާކުރުމާ ގާތަށް ޖެހިލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މަައޭލީ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ތީބޯ ކޯޓުވާ މަތަކުރި އިރު، ބާސެލޯނާގެ ފޯވަޑް މާޓިން ބްރެތުވެއިޓްއަށް ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ޑެނިއަލް ވާސް ބޮލުން ފޮނުވާލި ހަމަލާއާއި ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވުނެވެ.

ދެވަނަ ހާފަށް ބެލްޖިއަމް ނުކުތީ ބަދަލަކާ އެކުގައެވެ. އެޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރު ޑިބްރޭނާ ދަނޑު މައްޗަށް ނެރެ، ޑެންމާކަށް ނުރައްކާ ކޮށްލިއެވެ. މުބާރާތް ފެށި އިރު، ނޭފަތަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޑިބްރޭނާއަށް މިރޭގެ މެޗަކީ މި ޔޫރޯގެ ފުރަތަމަ މެޗެވެ. މުބާރާތަށް ތައާރަފު ވެލުމަށް އޭނާއަށް މާ ގިނައިރެއް ނުނެގިއެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބެލްޖިއަމްއިން ނަތީޖާ ހަމަހަމަ ކުރި ގޯލުގެ މޭސްތެރިއަކީ ޑިބްރޭނާއެވެ. ރޮމެލޫ ލުކާކޫ އަރިމަތިން ހިފައިގެން އައިސް ޑިބްރޭނާއަށް ދިން ބޯޅަ، ހަމަޖެހިލާފައި ތިރިތިރީން ޕާސްކޮށްލީ ތޯގަން ހަޒާޑަށެވެ. ތޯގަން ހަޒާޑް ބޯޅަ ވައްދާލީ ހުސް ގޯލަކަށެވެ.

ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑާއި ޑިބްރޭނާ އަދި އެލެކްސް ވިޓްސަލް ކުޅުމަށް ނެރުމާއެކު ބެލްޖިއަމްގެ ކުޅުން ރަނގަޅުވެލިއެވެ. ހަމަލާތަކަށް ކުރިއަށް ޖެހި ޑެންމާކަށް ނުރައްކާ ކުރިއެވެ. 70 ވަނަ މިނެޓުގައި އަނެއްކާވެސް ޑިބްރޭނާގެ ފެންވަރު ދައްކާލިއެވެ. ހަޒާޑް ދިން ބޯޅައަކުން ވަރަށް ރީތިކޮށް ބަލާލާފައި ޑިބްރޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ފަހަތުން އަރައި ބެލްޖިއަމް ލީޑު ނެގިއެވެ. ހުރިހާ ޝުކުރެއް ޑިބްރޭނާއަށެވެ.

އެ ސްކޯއާއެކުވެސް ޑެންމާކުން ބެލްޖިއަމް ހަމަޖެހިލިޔަކަ ނުދެއެވެ. އިރުކޮޅެއް ފަހުން މާޓެން ބްރެތުވައިޓްގެ ދެ ހަމަލާއެއް ނުރައްކާކޮށް ފެނުނެވެ. ޔެންސަންގެ ނުރައްކާތެރި ހަމަލާއެއްވެސް ގޯލުގެ މަތީ ކަނު ކައިރިން ބޭރަށް ގޮސްފައިވެއެވެ. އެހެންނަމަވެސް އެޓީމަށް ޕޮއިންޓެއް ސަލާމަތް ކުރެވިފައެއް ނުވެއެވެ.

މެޗުން މޮޅުވެ ބެލްޖިއަމް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. މިހާތަނަށް ގްރޫޕް ބީގައި ކުޅުނު ދެމެޗު ކާމިޔާބުކޮށް ބެލްޖިއަމް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު އޮތް ރަޝިއާއެވެ. ތިންވަނައިގައި އޮތް ފިންލޭންޑަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އުންމީދު ކުޑަކޮށް އޮތީ ޑެންމާކެވެ.