ޔޫރޯ 2020 ގައި މިރޭ ބެލްޖިއަމް އާއި ޑެންމާކު ކުޅެމުންދާ މެޗުގެ 10 ވަނަ މިނެޓުގައި ބޯޅަ ހުއްޓުވާލައި، ހުރިހާ ސަޕޯޓަރުންނާއި ކުޅުންތެރިން ކްރިސްޓިއަން އެރިކްސަނަށް ހިތްވަރު ދިނުމުގެ ގޮތުން މިނެޓެއް ވަންދެން އަތްތިލަ ބަޑި ޖަހައިފިއެވެ.

މިރޭ ޑެންމާކުގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗަކީ، އެރިކްސަން ކާޑިއަކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު ފަހުން ޑެންމާކު ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ މެޗުގެ ކުރިން ސަޕޯޓަރުން ވަނީ 10 ވަނަ މިނެޓުގައި ތެދުވެ އެރިކްސަންއަށްޓަކައި އަތްތިލަ ބަޑި ޖެހުމަށް ނިންމައިފައެވެ. އެކަމުގައި ކުޅުންތެރިން ބައިވެރިވާނެ ކަމަށް ޕްރި މެޗު ޕްރެސްގައި ދެޓީމުންވެސް ވަނީ ބުނެފައެވެ.

އެރިކްސަންގެ ޖާޒީ ނަންބަރަކީ ގައުމީ ޓީމުގެ 10 ނަންބަރެވެ. މެޗުގެ 10 ވަނަ މިނެޓް އެރިކްސަނަށް ހާއްސަކުރީ އެހެން ވެގެންނެވެ. މިވަގުތު ސްޓޭޑިއަމް ކައިރީގައި ހުރި ހޮސްޕިޓަލެއްގައި އެރިކްސަނަށް ފަރުވާ ދެމުން އަންނަ އިރު، 10 ވަނަ މިނެޓުގައި ދިން އަތްތިލަބަޑީގެ ތަރުހީބު އެރިކްސަނަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށް މެޗުގެ ކޮމެންޓޭޓަރު ވަނީ ބުނެފައެވެ.

ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ޑެންމާކުގެ ތަރި އެރިކްސަން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓިފައި ވަނީ ކާޑިއެކް އެރެސްޓެއްގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.

ޔޫއެފާއިން އެރޭ ބުނެފައި ވަނީ އެރިކްސަން ސްޓޭބަލްވެ، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭގެފަހުން އެރިކްސަން ވަނީ ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އޭނާގެ ހާލު ރަނގަޅުކަން ޔަގީން ކޮށްދީފައެވެ. ޑެންމާކު އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލްގައި އެރިކްސަންގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އެންމެ ފަހުން ކުރި ޓެސްޓުތަކުން އެނގުނީ އެރިކްސަން ހިތަށް އައިސީޑީއެއް ލައްވަން ޖެހޭ ކަމެވެ. އަދި އެގޮތަށް ޑެންމާކުގެ ޑޮކްޓަރު މާޓިން ބޮއެސަން ލަފާދިނުމާ އެކު އެރިކްސަން އެއްބަސްވެފައިވާ ކަމަށް ވެއެވެ.

އުމުރުން 29 އަހަރުގެ އެރިކްސަންގެ ހިތަށް ލައްވާނެ އައިސީޑީއަކީ ހިތުގެ ހިނގުމަށް ދައްޗެއް ކުރިމަތިވެ، ހިނގުމުގެ ރިދަމް ގެއްލިގެންދާނެ ވަގުތެއް އައިސްދާނެތީ، ހިނގުން ވަކި މިނެއްގައި ކޮންޓްރޯލް ކުރުމަށް ލައްވާ އެއްޗެކެވެ.