އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ހަ ގާނޫނެއް އިސްލާހުކުރަން ހުށަހަޅައިފިއެވެ.
ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ހަ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވައިފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އިސްލާހު ކުރަން ފޮނުވާފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ފަޅުރަށްރަށާބެހޭ ގާނޫނާއި ބިމާބެހޭ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ އަދި އެއްގަމު ދަތުރުފަތުރުގެ ގަނޫނެވެ.
އޭޖީ އޮފީހުން ހަ ގާނޫނަކަށް އިސްލާހު ގެންނައުމަށް ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އިސްލާހު ކުރަން ހުށަހަޅާފައިވާ މާއްދާތަކުގެ ތަފްސީލެއް ނުދެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި އެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް، އެ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
އެ އިސްލާހަށް އަމަލު ކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2020 އެވެ.