ފިންލޭންޑާ ދެކޮޅަށް ކުޅުނު ޔޫރޯ 2020ގެ ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓަކާއެކު ދަނޑު މައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސަންގެ ހިތަށް ހާޓް ސްޓާޓާ (އައިސީޑީ) އެއް ލައްވަން ޑޮކްޓަރުން ނިންމައިފިއެވެ.

ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ޑެންމާކުގެ ތަރި އެރިކްސަން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓިފައި ވަނީ ކާޑިއެކް އެރެސްޓެއްގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.

ޔޫއެފާއިން އެރޭ ބުނެފައި ވަނީ އެރިކްސަން ސްޓޭބަލްވެ، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭގެފަހުން އެރިކްސަން ވަނީ ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އޭނާގެ ހާލު ރަނގަޅުކަން ޔަގީން ކޮށްދީފައެވެ. ޑެންމާކު އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލުގައި އެރިކްސަންގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އެންމެ ފަހުން ކުރި ޓެސްޓުތަކުން އެނގުނީ އެރިކްސަން ހިތަށް އައިސީޑީއެއް ލައްވަން ޖެހޭ ކަމެވެ. އަދި އެގޮތަށް ޑެންމާކުގެ ޑޮކްޓަރު މާޓިން ބޮއެސަން ލަފާދިނުމާ އެކު އެރިކްސަން އެއްބަސްވެފައިވާ ކަމަށް ވެއެވެ.

އުމުރުން 29 އަހަރުގެ އެރިކްސަންގެ ހިތަށް ލައްވާނެ އައިސީޑީއަކީ ހިތުގެ ހިނގުމަށް ދައްޗެއް ކުރިމަތިވެ، ހިނގުމުގެ ރިދަމް ގެއްލިގެންދާނެ ވަގުތެއް އައިސްދާނެތީ، ހިނގުން ވަކި މިނެއްގައި ކޮންޓްރޯލް ކުރުމަށް ލައްވާ އެއްޗެކެވެ.

އެރިކްސަން އިތުރަށް ފުޓުބޯޅަ ކުޅޭނެ ކަމާ މެދު އަދިވެސް އޮތީ ސުވާލުތަކެއް އުފެދިފައެވެ. ހިތަށް އައިސީޑީ ލެއްވުމަށްފަހުވެސް ބައެއް އެތުލީޓުން ކުޅިވަރުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް ކާޑިއެކް އެރެސްޓްއަކަށް ދާ ކުޅުންތެރިންނަށް އަލުން ބޮޑެތި ލީގުތަކުގައި ކުޅުމަށް ދަތިތަކާ ދިމާވެއެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ވަރަށް ގިނަ ޓެސްޓުތަކެއް ހަދައިގެން ނޫނީ އެފަދަ ހާލަތްތަކެއްގައި ހުރި ކުޅުންތެރިންނަށް ފުރުސަތެއް ނުދެއެވެ. އެރިކްސަން މިވަގުތު ކުޅެމުން އަންނަނީ އިޓަލީގެ އިންޓަ މިލާނަށެވެ.