ކުޅިވަރު

ޕްރިވިއު: އެރިކްސަންގެ ހިތްދަތި ވަގުތުކޮޅުން ޑެންމާކު ލިބިގަތީ ހިތްވަރު

ޔޫރޯ 2020ގެ ގުރޫޕް ބީގައި މިރޭ ޑެންމާކު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މިރޭގެ މެޗަކީ ޑެންމާކު އަދި ބެލްޖިއަމްވެސް ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި 3-0 އިން ރަޝިއާ ބަލިކޮށްފައި އޮތް އިރު، ޑެންމާކުން ކުޅުނު ފުރަތަމަ މެޗަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗެވެ. ފިންލޭންޑާ ދެކޮޅަށް ޑެންމާކުން އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ.

މެޗު އެމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގާ ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފްސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަކަމުގެ ޔަގީންކަން ލިބުމުންނެވެ. އެރިކްސަން ހޮސްޕިޓަލުގައި މިވަގުތު އޮތް ނަމަވެސް ހާލު ރަނގަޅު ކަމަށް ބުނެ ޓީމާ ވާހަކަ ދައްކާ މިރޭގެ މެޗަށް ހިތްވަރުވެސް ދީފައިވެއެވެ. ފުރަތަމަ މެޗު އުނދަގޫ ހާލަތެއްގައި ކުޅެ ޑެންމާކު ބަލިވީ 1-0 އިންނެވެ. އެ މެޗުން ބަލިވި ނަމަވެސް ޝަކުވާއެއް ނެތެވެ. އެއީ އުނދަގޫ ހާލަތެކެވެ. ޑެންމާކު ކުޅުންތެރިން އެހާލަތުން ހޯދީ ހިތްވަރެކެވެ. މިރޭގެ މެޗަށް ނުކުންނަ ޓީމަކީ ގުޅުން ރަނގަޅު، އާއިލާއެއްގެ ސިފަ ޖެހިފައިވާ ހިތްވަރު ގަދަ ޓީމަކަށް ވާނެ ކަމަށް ފޯވަޑް ޔޫސުފް ޕައުލްސަން ވަނީ ބުނެފައެވެ.

"އަހަރެމެން ޓީމު މިހާރު އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް. އެރިކްސަންއަށް ދިމާވި ކަންތަކުގެ ސަބަބުން ލޯބި އިތުރުވެއްޖެ. ތެދުވެރި، އެކުވެރި އާއިލާއެއްގެ އިހުސާސް ޓީމަށް ކުރެވިއްޖެ. އެންމެންނަށްވެސް މިހާރު އިހުސާސް ކުރެވޭ އާއިލީ ގުޅުމެއް. ޓީމުގެ ރޫހު އިންތިހާއަށް ބޮޑު، ޓީމަށް ކުރި އަސަރާއެކު އެކަމުން އެއްކޮށް އަރައިގަންނަން ލިބުނު ހިތްވަރަކީ ޓީމުގެ ހިތްވަރު. ޓީމުގެ ކުޅުންތެރިން އަނެއް ކުޅުންތެރިޔާއަށް މިހާރު 100 ޕަސެންޓް އިތުބާރު ކުރާނެ. އެހެންމީހުން ކައިރީގައި ނުދައްކާ ވާހަކަތައްވެސް މިހާރު އެކަކު އަނެކަކަށް ކިޔާދީ ވަރަށް ބޮޑަށް ގުޅިފައި މިއޮތީ،" ޕައުލްސަން ބުނެފައިވެއެވެ.

ކޯޗު ކެސްޕާ ޖުލްމަންޑް ބުނެފައި ވަނީ އެރިކްސަން އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލަކީ ދަނޑާ ކައިރި ހޮސްޕިޓަލެއް ކަމަށާއި ސަޕޯޓަރުންގެ ލޯބި މިރޭ އެރިކްސަންއަށް އަޑުއިއްވާލާނެ ކަމަށެވެ.

މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ މެޗުގެ ކުރިން އެރިކްސަންއަށް ހާއްސަ ޓްރިބިއުޓެއް ދޭނެ ކަމަށެވެ. އަދި ސަޕޯޓަރުންނާ އެކީ 10 ވަނަ މިނެޓުގައި ތެދުވެ އެރިކްސަންއަށް ހިތްވަރު ދިނުމުގެ ގޮތުން އަތްތިލަބަޑި ޖަހާނެ ކަމަށް ދެޓީމުންވެސް ބުނެފައިވެއެވެ. ބެލްޖިއަމްގެ ފޯވަޑް، ރޮމެލޫ ލުކާކޫ ބުނެފައި ވަނީ 10 ވަނަ މިނެޓުގައި ބޯޅަ ބޭރަށް ޖަހައި އެރިކްސަންއަށް ހިތްވަރު ދިނުމުގައި ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ. ލުކާކޫއަކީ އެރިކްސަންއާ އެއް ކްލަބަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެ ދެ ކުޅުންތެރިންވެސް ކުޅެމުން އަންނަނީ އިޓަލީގެ އިންޓަ މިލާނަށެވެ.

މީގެ ކުރިން 15 މެޗެއްގައި ޑެންމާކާއި ބެލްޖިއަމް ކުރިމަތި ލާފައިވެއެވެ. އޭގެ ތެރެއިން ކޮންމެ ޓީމަކުންވެސް ހަ މެޗުން މޮޅުވެފައިވާ އިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިރޭ 9:00 ޖަހާއިރު ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ބެލްޖިއަމްއާއި ޑެންމާކު ކުޅޭ މެޗަކީ އެރިކްސަންއަށް ހާއްސަ މެޗަކަށްވާނެއެވެ.