ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުންތައް ދެން ކުރިއަށް ގެންދާނީ ހުރިހާ ފަރާތްތަކަކަށް ކްރިމިނަލް ކޯޓަށް ހާޒިރުވެވޭނެ މަގުފަހިވުމުން ކަމަށް ނިންމައިފި އެވެ.
އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަށާފައި ވަނީ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު އޭނާގެ ވަކީލަކު ހަމަޖެހިފައި ނެތުމުން ހަތް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މިއަދު ބޭއްވި އަޑުއެހުމެއްގައި އައްމަޓީގެ ފަރާތުން ވަކީލަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ، އެ މައްސަލައަކީ ވިޔަފާރި އާއި ކޮމާޝަލް ބޮޑެތި އެއްބަސްވުންތަކެއްގެ ހިލާފުތަކެއް ހުރި މައްސަލައެއް ކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތް ދުރުގައި ހުރެގެން މައްސަލަ ކުރިއަށް ގެންދިއުމަށް އުނދަގޫވާނެ ކަމަށެވެ. އަދި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ކުރިއަށް ގެންދިއުމަށް މުހުތާޒު އެދިވަޑައިގަތެވެ.
އެކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. އަދި ޕީޖީގެ ވަކީލުން ވެސް އެދުނީ ކްރިމިނަލް ކޯޓަށް ވަޑައިގަތް އެއް މާލަމެއްގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޕީޖީގެ ވަކީލު ވިދާޅުވިއެވެ.
"މި މައްސަލައިގައި އެންމެ މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ގަބޫލު ކުރެވެނީ ޝަރީއަތަށް ހުރިހާ ފަރާތްތައް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ގެންދިއުން،" މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިވަގުތު ކޯޓަށް ހާޒިރު ވެގެން ޝަރީއަތް ކުރިއަށް ނުގެންދެވުނު ނަމަވެސް ކުރިއަށް އޮތް ހަފުތާގައި ސަރުކާރު އޮފީސްތައް ހުޅުވި ލުއިތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
"ވީ އެންމެ އަވަހަކަށް ޝަރީއަތަށް ހާޒިރުކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް މި ޝަރީއަތުގެ މަޖިލިސް ނިންމާފައި ދެން ބޭއްވޭ މަޖިލީހަކަށް ދައުވާތައް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމަން،" މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ.
ޝަރީއަތުގެ އަޑުއެހުމަށްފަހު ބަންދާމެދު ގޮތެއް ނިންމެވުމަށް ބޭއްވި މަޖިލީހުގައި، މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް އައްމަޓީ ވަނީ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު