މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ރޭ ދަންވަރު 1:35ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ކޮވިޑުގެ ހާލަތު ގޯސް ވެ މިސްކިތްތައް ބަންދު ކުރުމާ ގުޅިގެން، މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކޮށް، މިސްކިތްތަކުގައި ނިދައި ކައި ބޮއެ ހަދާ މައްސަލަ ވަނީ މި ފަހަކަށް އައިސް އިތުރުވެފަ އެވެ. އަދި އާންމުން ނިކުމެ މިފަދަ މީހުން މިސްކިތްތަކުން ނެރެ ފުލުހުންނާ ހަވާލު ކުރާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލައިގައި ބައެއް މީހުން ހައްޔަރު ކޮށްފަ އެވެ.