ޔޫއެފާ ޔޫރޯގެ ގްރޫޕް ބީގައި ރަޝިއާއިން ކުޅުނު ދެވަނަ މެޗުގައި ފިންލޭންޑް މައްޗަށް ކުރި ހޯދައި، ޔަގީން ޖާގައިގައި ގަދަ 16 އަށް ދިއުމަށް އުންމީދު ދަމަހައްޓައިފިއެވެ.

ރަޝިއާގެ ހޯމް، ސެއިންޓް ޕީޓާސްބާގުގައި ކުޅުނު މެޗު ރަޝިއާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލަކީ އެލެކްސޭ މިރަންޗުކު ޖަހައިދިން ހިތްގައިމު ގޯލެކެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ފިންލޭންޑް އޮތީ ފުރުސަތު ބޮޑުކޮށެވެ. ރަޝިއާއަށް އޮތީ މޮޅަކަށް މަޖުބޫރުވެފައެވެ. ރަޝިއާއިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން އޮތީ ބަލިވެފައެވެ. ފިންލޭންޑް އޮތީ ފުރަތަމަ މެޗުން މޮޅުވެ ގަދަ 16 އަށް ދިއުމަށް ބޮޑު އުންމީދެއްގައެވެ.

ފިންލޭންޑުގެ ބޯޑަރާ 200 ވަރަކަށް ކިލޯމިޓަރު ކައިރީގައި އޮތް ސެއިންޓް ޕީޓާސްބާގުގެ ސްޓޭޑިއަމްގައި މީގެ ކުރިން ފިންލޭންޑް ކުޅެފައެއް ނުވެއެވެ. މިއަދުގެ މެޗުގެ ކުރިން ރަޝިއާއާ ދެކޮޅަށް ފިންލޭންޑް ކުޅުނު އަވޭ މެޗު ކުޅުނީ މޮސްކޯގައެވެ. އޭގެ ކުރިން ފިންލޭންޑުން އަވޭގައި ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކަކީ ރަޝިއާ ޔޫއެސްއެސްއާރް ގޮތުގައި އޮތްއިރު ކުޅުނު ފަސް މެޗެވެ. ރަޝިއާ އަތުން މިހާތަނަށް ފުޓުބޯޅައިގައި ފިންލޭންޑުން ހޯދި ހަމައެކަނި މޮޅަކީ 1918 ވަނަ އަހަރު އޮލިމްޕިކްސްގައި ހޯދި މޮޅެކެވެ.

ފިންލޭންޑްގެ މި ތާރީހީ މުބާރާތުގައި އެޓީމުން މިއަދުގެ މެޗަށް ނުކުތީ ރަޝިއާ ބަަލިކޮށް، ތާރީހީ ދަތުރު ގަދަ 16 އަށް ގެންދިއުމަށެވެ. އެހެންނަމަވެސް އެ ޗެލެންޖު ފަސޭހަ ނުވާކަން މެޗުގެ ފުރަތަމަ ހާފުގައިވެސް ފެނުނެވެ.

ރަޝިއާއިން މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލްކޮށް، ހަމަލާ އުފައްދަން މަސައްކަތްކުރިއެވެ. ފިންލޭންޑުން ބެލީ ހަނި ފުރުސަތަކުންވެސް ކައުންޓާ ހަދައި ނުރައްކާ ކުރުމަށެވެ. އެ ފުރުސަތުތައް ފިންލޭންޑަށް ފަހިވިވެސް މެއެވެ. ކައުންޓާގައި ފުރަތަމަ ހާފުގައި އެޓީމު ފެނުނީ ނުރައްކާ ކޮށެވެ.

ފުރަތަމަ ހާފުގައި ފިންލޭންޑްގެ ކުރިއަށް ކުޅޭ ތީމޫ ޕުއްކިއަކީ ޖޮއެލް ޕޯޖަންޕޯލާގެ ބާރު ދުވެލި ވީ ރަޝިއާއަށް ހިފަހައްޓަން އުނދަގޫ ކަމަކަށެވެ. މެޗުގެ ކުރީކޮޅުގައި ޕޯޖަންޕޯލާ ފޮނުވާލި ހަމަލާއެއްގައި ބޯޅަ ގޯލަށް ވަންނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ހަމަލާ ފޮނުވާލި އިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. ގޯލަށް އަމާޒުކޮށް ފުރަތަމަ ހާފުގައި ފެނުނު ހަމަލާތައް މަދު ނަމަވެސް ރަޝިއާއަށްވެސް ވަނީ ފުރުސަތުތައް ލިބިފައެވެ.

އޮޒްޑޮއޭވްއަށް ކުރީކޮޅުގައި ލިބުނު ފުރުސަތުގެ އިތުރުން ފުރަތަމަ ހާފުގައި ޒޫބާއަށް ފަހިވި ދެ ފުރުސަތެއް ރަޝިއާގެ ފަރާތުން ފާހަގަވެގެން ގޮސްފައިވެއެވެ. ޒޫބާގެ ހަމަލާއެއް ދަނޑީގައި ޖެހުނު ނަމަވެސް އެ ނުރައްކާތެރި ހަމަލާ ފެށިއިރު، ޒޫބާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ޒޫބާއަށް ލިބުނު ފުރުސަތުގައި ބޮލުން ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ރަޝިއާއިން ވަނި ހާފް ނިމިނިމި އޮއްވައި ލީޑު ނަގައިފައެވެ. ޒޫބާ ދިން ބޯޅައަކުން ފިންލެންޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރަޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސޭ މިރަންޗުކެވެ.

ރަޝިއާއިން ދެވަނަ ހާފް ލީޑުގައި ފެށި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި ފުރުސަތު ހޯދީ ފިންލޭންޑުންނެވެ. ކެޕްޓަން ޕުއްކިއަށް ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ޓެކަލްކޮށް ރަޝިއާގެ ޑިފެންޑަރު ޑިވީވް ވަނީ ދިފާއުކޮށްފައެވެ. ހަމަ އޭގެ އިރުކޮޅެއްފަހުން ޕުއްކި ވަނީ ރަޝިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާ ކޮށްފައެވެ. އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ރަޝިއާ ގޯލްކީޕަރު ސަފޮނޯވްއެވެ.

މެޗުގެ ފަހު ކޮޅުގައި ދެޓީމުންވެސް ވަރުބަލިކަން ފާހަގަވެފައިވެއެވެ. ހަމަލާތައް މަދުކޮށް ފެނުނު އިރު، ދެޓީމުންވެސް ގިނަ ފައުލްތަކެއް ފެނިފައިވެއެވެ. ފަހު ހާފުގައި ރަޝިއާގެ ނުރައްކާތެރި ހަމަލާއެއްވެސް ފާހަގަކޮށްލެވުނެވެ. ޒޫބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފިންލެންޑުގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް ކުޒްޔައޭވް ފޮނުވާލި ހަމަލާ، ފިންލޭންޑް ކީޕަރު ހްރަޑެޓްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ގްރޫޕް ބީގައި މިހާތަނަށް ކުޅުނު މެޗުތަކުން ތިން ޓީމު ވަނީ މޮޅެއް ހޯދައި ތިން ޕޮއިންޓް ހޯދައިފައެވެ. ފިންލޭންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ބާކީ އަދި މެޗެއް އެބައޮތެވެ. ފައިދާ ގޯލު ތަފާތުން މިވަގުތު ފިންލޭންޑް ދެވަނައިގައި އޮތް އިރު، ރަޝިއާ އޮތީ ތިންވަނައިގައެވެ. ބެލްޖިއަމް އެއްވަނައިގައި އޮތީ ރަޝިއާއި ފިންލޭންޑަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ. މި ބުރުގައި ބެލްޖިއަމް ކުޅެން ޖެހޭނީ ޑެންމާކާ ދެކޮޅަށެވެ.

  • މިރޭ ކުރިއަށް ހުރި މެޗުތައް

21:00 ތުރުކީ - ވޭލްސް

00:00 އިޓަލީ - ސްވިޒަލޭންޑް