ފިރިހެނަކު ބްލެކްމެއިލްކޮށް ފައިސާ އަތުލި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

އެކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ވެސް ތިން ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރާއި 27 އަހަރު އަދި 23 އަހަރުގެ ފިރިހެނުންނެވެ. އެ ތިން މީހުން ވެސް ނިސްބަތް ވަނީ މާލެއަށެވެ.

އެ ފަދަ މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަން ފުލުހުން ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ ތިން މީހުން ހަމަ އެ ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި މާރާމާރީ އަދި ޖިންސީގޯނާގެ ތުހުމަތެވެ. އެ ތިން މީހުންނަކީ ވެސް ކުށުގެ ރިކޯޑް ގިނަ ތިން މީހުން ކަން ވަނީ އެނގިފަ އެވެ.