ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޕޯލޯ ހޯލްޑިންގްސް އިން ހުޅުމާލޭގައި ހަދާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް ވިދާޅުވީ، ވިނަރެސް ހައުސިން މަޝްރޫއުގެ 45 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ފްލެޓުތައް ވިއްކުމުގެ ކަންތައް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.
ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ 10 ޓަވަރު ހަދާނެއެވެ. މި ޓަވަރުތަކުގައި ޖުމުލަ 1340 އެޕާޓްމަންޓާ އެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ. މި ހުރިހާ ވައްތަރެއްގައިވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެއެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން، މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭ އިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފައެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި، ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެއެވެ.
އޭގެ އިތުރުން ބަދިގެ ކަބަޑު ސެޓު ހަރުކޮށް، ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި އޭސީ ހަރުކޮށްފައި ހުންނާނެއެވެ. ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެއެވެ.
އެޗްޑީސީން ބުނީ، އެތަންތަން ވިއްކަން ހަމަޖެހިފައި ވަނީ ތިން މޮޑެލެއްގެ ދަށުން ކަމަށެވެ. އެއީ ލީސް ޓު އޯން މޮޑެލް، އޯން އިކުއިޓީ ފައިނޭންސިން މޮޑެލް އަދި އެންޑް ޔޫޒާ މޮޑެލްއެވެ.
ލީސް ޓު އޯން މޮޑެލްގެ ދަށުން ދެ ގޮތެއް ލިބޭނެއެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު، ވިހި އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.
އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއް ފަހަރާވެސް ދެއްކޭނެ އެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުންވެސް ފައިސާ ދެއްކޭނެއެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެއެވެ.
އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވާ އިރު، ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް މި މަޝްރޫއުއަށް ކުރިމަތި ލެވޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު