ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަން، ކައުންސިލުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހެޅުއްވި ބިލު އަނބުރާ ގެންދިއުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ގޮވާލައްވައިފިއެވެ.

އެބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަަވަމުން މޯޑު ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ވިޔަސް ކައުންސިލްތަކުގައި ތިއްބަވަނީ އެ ރަށެއްގެ ނުވަތަ އެ ކައުންސިލެއްގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބައެއް ކަމަށެވެ. އެކަމަށް އެންމެން އިހުތިރާމު ކުރަން ޖެހޭ ކަމަށާއި، އެ ނިންމުމުގެ މައްޗަށް ކައުންސިލުގެ ލަފައާއެކު ސިވިލްސާވިސް ކޮމިޝަނުން ކަނޑައަޅާ ފެންވަރުގެ މީހަކު އައްޔަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުގައި މިހާރު އޮންނަނީ އެގޮތަށެވެ.

މޯޑު ވިދާޅުވީ، ކައުންސިލުގެ ރުހުމާ ނުލައި ސެކްރެޓަރީ ޖެނެރަލް އައްްޔަން ކުރަން ގާނޫނު ބަދަލު ކުރަން ހުށަހަޅާއިރު އެގޮތަށް ގާނޫނު ބަދަލު ކޮށްފިނަމަ، ކައުންސިލުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ މީހަކު އެމަގާމަށް އައިސްފި ނަމަ ބޮޑެތި މައްސަލަތަކެއް ދިމާވެ ކައުންސިލްތައް ހުއްޓުމަކަށް އަންނާނެ ކަމަށްވެސް މޯޑު ފާހަގަ ކުރެއްވިއެވެ. އަދި މި އިސްލާހަކީ ލާމަރުކަޒީ ގާނޫނަށް ގެންނަ ހެޔޮ ބަދަލެއް ނޫން ކަމަށާއި، އެއީ ސިވިލް ސާވިސް ގާނޫނަށް ވެސް ގެންނަ ހެޔޮ ބަދަލެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރު ސައީދު ހުށަހެޅުއްވި މި ބިލަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންވެސް ދަނީ ދެކޮޅު ހަދަމުންނެވެ.