ކ. ކާށިދޫގައި އެއާޕޯޓު ހަދަން ބޭނުވާ ލިޔެކިޔުންތައް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަން، ކައުންސިލުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ އެއީ ކާށިދޫ ރައްޔިތުންނަށް ވަަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ. ކާށިދޫގައި އެއާޕޯޓެއް ހެދުމަކީ ޖާބިރުގެ މަޖިލިސް ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ.

އެކަމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު ކާށިދޫ ރައްޔިތުންނަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެރަށުގައި އެއާޕޯޓެއް ހެދުމަކީ އޭނާގެ ކެމްޕެއިންގެ ވަރަށް މުހިންމު ވައުދެއް އަދި އެރަށު ރައްޔިތުންގެ ހުވަފެނެއް ކަމަށެވެ.

އެކަމުގެ މަޝްވަރާތައް ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާއަކާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު އަސްލަމްއާ މަޝްވަރާކުރެވި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ސިޓީގައިވެ އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވެސް އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ، އެކަމަށްޓަކައި ޖާބިރުގެ ސިޓީގައި ޝުކުރު ދަންނަވާފައި ވެއެވެ.

"ވީމާ، އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ކާށިދޫގައި (ޖާބިރު އެއާޕޯޓް)ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓެއް ތަރައްގީކޮށް، އެތަން ހިންގުމަށް ވަނީ ނިންމައިފައެވެ. މިޕްރޮޖެކްޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއް ކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސައިފައެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޖާބިރު އިތުރަށް ވިދާޅުވެފައި ވަނީ ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއާޕޯޓް ހެދުމަށް ކަނޑައަޅާފައިވާ ބިން އޭނާއާ ހަވާލުކޮށް ރުއްގަހުގެ ބަދަލުދިނުމުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި ދަންނަވާފައި ވާނެ ކަމަށާއި އެކަމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަމިއްލަ ހަރަދުގައި ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރައްވަން ޖާބިރު ނިންމެވިއިރު އެކަމުގެ ޕްރޮޕޯސަލް ވެސް އޭނާ ވަނީ ތައްޔާރުކުރައްވައިފައެވެ.

ޕްރޮޕޯސަލްގައި ބުނެފައިވާ ގޮތުން، އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1320 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނާނެއެވެ. އަދި 60 މީޓަރުގެ ޓެކްސީވޭއަކާއި 45 މީޓަރުގެ އޭޕްރަންއެއް ގާއިމުކުރާނެއެވެ.