ދުނިޔޭގެ ފެންވަރުގައި އަންނަ ފުޓުބޯޅައިގެ އެންމެ ބޮޑު އީދަކީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ނަމަ، އެފަދަ ދެވަނަ ފުޓުބޯޅަ އީދަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކަމަށް ބުނެވިދާނެއެވެ.

ޔޫރަޕުގެ ބައްރުގެ ގައުމުތަކުގެ ގައުމީ ފުޓުބޯޅަ ޓީމުތައް ވާދަ ކުރާ މުބާރާތެއްގެ ގޮތުގައި ޔޫރޯ ތައާރަފު ކުރެވުނީ 1960 ގައެވެ. އޭގެ ފަހުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު، ޔޫރޯ މުބާރާތް އަންނަނީ ބޭއްވެމުންނެވެ. ކުރީއްސުރެ މުބާރާތް ބާއްވަމުން އައި ތަރުތީބުން، ފާއިތު ވި 2020 އަކީ މުބާރާތް އޮންނާން ވީ އަހަރެވެ. ނަމަވެސް ކޮވިޑް އާލަމީ ވަބާގެ ސަބަބުން މިދިޔަ އަހަރުގެ މުބާރާތް މި އަހަރަށް ފަސް ކުރެވުނީއެވެ.

މިއީ 16 ވަނަ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވުނީ ފަރަންސޭސި ވިލާތުގައެވެ. އެއިރު މުބާރާތުގެ ނަމަކީ "ޔޫރަޕިއަން ނޭޝަންސް ކަޕް" އެވެ. މުބާރާތުގެ ނަން "ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް" އަށް ބަދަލު ކުރެވުނީ 1968 ގައެވެ.

މިހައިތަނަށް ޔޫރޯގެ 15 މުބާރާތް ބޭއްވިފައި ވާ އިރު، އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނާއި ސްޕެއިނެވެ. މިއިން ކޮންމެ ގައުމެއް ވެސް ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ. ޔޫރޯގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމަކީ ދެ ތަށްޓާ އެކު ފަރަންސޭސި ވިލާތެވެ. ސޮވިއެޓް ޔޫނިއަނާއި، އިޓަލީ އާއި، ޗެކޮސްލޮވޭކިޔާ އާއި، ހޮލެންޑާއި، ޑެންމާކާއި، ގްރީސާއި، ޕޯރޗުގަލް ވަނީ ކޮންމެ ޓީމެއް ވެސް އެއް ފަހަރު މުބާރާތުގެ ތަށި އުފުލައިލައިފައެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ތަށި ކާމިޔާބު ކުރީ، ފަރަންސޭސި ވިލާތުގައި ކުޅެ، ފަރަންސޭސި ޓީމު ބަލި ކޮށް، ޕޯރޗުގަލެވެ.

ޔޫރަޕުގެ ގައުމުތަކުގެ ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލު އެންމެ ފުރަތަމަ ހުށައެޅުނީ 1927 ވަނަ އަހަރުއެވެ. އެ ޚިޔާލު ފުރަތަމަ ހުށައެޅުއްވީ ފަރަންސޭސި ވިލާތުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އެއިރުގެ އަމީންއާއްމު ހެންރީ ޑިލޯނޭއެވެ. ނަމަވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ވެ، ފުރަތަމަ ޔޫރޯގެ ކުރީން، 1955 ގައި އޭނާ އަވަހާރަ ވެއްޖެއެވެ.

1960 ގައި ބޭއްވުނު އެންމެ ފުރަތަމަ ޔޫރޯ ފުޓުބޯޅަ މުބާރާތް ބޭއްވުނީ ކޮލިފައިންގެ އިބްތިދާއީ ބުރަކާއި ދެވަނަ ބުރެއް ކުޅެފައި، މި ދެ ބުރުން ކޮލިފައި ވާ ހަތަރު ޓީމެއްގެ މެދުގައި އަސްލު މުބާރާތް ކުޅެވޭ ގޮތަށެވެ. ކޮލިފައިން ދެ ބުރުގައި 17 ޓީމެއް ބައިވެރި ވިއެވެ. ނަމަވެސް އޭގެ ތެރޭގައި ޔޫރަޕުގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކުގެ ގޮތުގައި އެއިރު ވެސް ގުނޭ އިނގިރޭސި ވިލާތާއި، އިޓަލީ އާއި، ހޮލެންޑާއި، ހުޅަނގު ޖަރުމަނު ނުހިމެނެއެވެ. އެކިއެކި ސަބަބުތަކާ ހުރެ މި ޓީމުތައް މުބާރާތުގައި ބައިވެރި ވާން ބޭނުން ނުވީއެވެ. ސްޕެއިން މުބާރާތުގައި ބައިވެރި ވެފައިމެ، ކޮލިފައިންގގެ ދެވަނަ ބުރުގައި ސޮވިއެޓް ޔޫނިއަނާ ދެކޮޅަށް ހޯމް-އެންޑް-އެވޭ އުސޫލުން ކުޅޭން ޖެހުނު މެޗަށް ޓަކައި ސޮވިއެޓް ޔޫނިއަނަށް ދާން ބޭނުން ނުވުމުން، މުބާރާތުން ބޭރު ވީއެވެ. ފަރަންސޭސި ވިލާތުގައި އޮތް މުބާރާތުގެ ފައިނަލްސްއަށް ކޮލިފައި ވި ޓީމުތަކަކީ ސޮވިއެޓް ޔޫނިއަނާއި، ފަރަންސޭސި ވިލާތާއި، ޔޫގޯސްލާވިޔާ އާއި ޗެކޮސްލޮވޭކިޔާއެވެ. ފައިނަލުގައި ޔޫގޯސްލާވިޔާ 2-1 އިން ބަލި ކޮށް ތަށި ހޯދީ ސޮވިއެޓް ޔޫނިއަނެވެ. މި މުބާރާތުގައި ސޮވިއެޓް ޔޫނިއަން ޓީމުގެ ގޯލު ބެލެހެއްޓީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު ކަމަށް ގިނަ ބަޔަކު ދެކޭ ލެވް ޔެޝިންއެވެ.

ޔޫރޯގައި 8 ޓީމު ވާދަ ކުރި ފުރަތަމަ މުބާރާތަކީ 1980 ވަނަ އަހަރުގެ މުބާރާތެވެ. މުބާރާތުގައި ޓީމުތައް ގުރޫޕުތަކަށް ބަހައިލެވިގެން ކުޅޭ ފުރަތަމަ ބުރެއް ނުވަތަ ގްރޫޕް ސްޓޭޖެއް ތައާރަފު ކުރެވުނީ ވެސް އެ ފަހަރުއެވެ. 8 ޓީމު ކުޅޭ މުބާރާތެއްގެ ގޮތުގައި އަހަރުތަކެއް ވާންދެން އޮތުމަށް ފަހު، ޔޫރޯގައި 16 ޓީމު ބައިވެރި ވާ ގޮތަށް ހަމަޖެހުނީ 1996 ގައެވެ. 24 ޓީމަށް މުބާރާތް ބޮޑު ކުރެވުނީ 2016 ގެ އިސްދާރާ އެކުގައެވެ.

1960، ފަރަންސޭސި ވިލާތް

ޗެމްޕިއަން: ޔޫއެސްއެސްއާރް (ސޮވިއެޓް ޔޫނިއަން)

1964، ސްޕެއިން

ޗެމްޕިއަން: ސްޕެއިން

1968، އިޓަލީ

ޗެމްޕިއަން: އިޓަލީ

1972، ބެލްޖިއަމް

ޗެމްޕިއަން: ހުޅަނގު ޖަރުމަން

1976، ޔޫގޯސްލާވިއާ

ޗެމްޕިއަން: ޗެކޮސްލޮވޭކިއާ

1980، އިޓަލީ

ޗެމްޕިއަން: ހުޅަނގު ޖަރުމަން

1984، ފަރަންސޭސި ވިލާތް

ޗެމްޕިއަން: ފަރަންސޭސި ވިލާތް

1988، ހުޅަނގު ޖަރުމަން

ޗެމްޕިއަން: ހޮލެންޑް

1992، ސްވިޑަން

ޗެމްޕިއަން: ޑެންމާކް

1996، އިންގްލެންޑް

ޗެމްޕިއަން: ޖަރުމަން

2000، ބެލްޖިއަމް / ހޮލެންޑް

ޗެމްޕިއަން: ފަރަންސޭސި ވިލާތް

2004، ޕޯޗުގަލް

ޗެމްޕިއަން: ގްރީސް

2008، އޮސްޓްރިއާ / ސްވިޓްޒަރލޭންޑް

ޗެމްޕިއަން: ސްޕެއިން

2012، ޕޯލަންޑް / ޔޫކްރެއިން

ޗެމްޕިއަން: ސްޕެއިން

2016، ފަރަންސޭސި ވިލާތް

ޗެމްޕިއަން: ޕޯޗުގަލް

  • 1960

މިލާން ގެލިޗް (ޔޫގޯސްލާވިއާ) – 2 ލަނޑު

ފްރޭންކޯއި ހިޔުޓް (ފަރަންސޭސި ވިލާތް) – 2 ލަނޑު

ވެލެންޓިން އިވަނޯވް (ސޮވިއެޓް ޔޫނިއަން) – 2 ލަނޑު

ޑްރާޒެން ޖަރްކޮވިޗް (ޔޫގޯސްލާވިއާ) – 2 ލަނޑު

ވިކްޓަރ ޕޮނެޑެލްނިކް (ސޮވިއެޓް ޔޫނިއަން) – 2 ލަނޑު

  • 1964

ފެރެންކް ބީން (ހަންގެރީ) – 2 ލަނޑު

ޑެޒޯ ނޮވޭކް (ހަންގެރީ) – 2 ލަނޑު

ޖެސޫސް މާރިއާ ޕެރެޑާ (ސްޕެއިން) – 2 ލަނޑު

  • 1968

ޑްރަގާން ޒެޖިޗް (ޔޫގޯސްލާވިއާ) – 2 ލަނޑު

  • 1972

ގާރޑް މުލަރ (ހުޅަނގު ޖަރުމަން) – 4 ލަނޑު

  • 1976

ޑީޓަރ މުލަރ (ހުޅަނގު ޖަރުމަން) – 4 ލަނޑު

  • 1980

ކްލައުސް އެލޮފްސް (ހުޅަނގު ޖަރުމަން) – 3 ލަނޑު

  • 1984

މިޝެލް ޕްލަޓިނީ (ފަރަންސޭސި ވިލާތް) – 9 ލަނޑު

  • 1988

މާރކޯ ވޭން ބާސްޓެން (ހޮލެންޑް) – 5 ލަނޑު

  • 1992

ޑެނިސް ބާރކެމްޕް (ހޮލެންޑް) – 3 ލަނޑު

ޓޮމާސް ބްރޯލިން (ސްވިޑްން) – 3 ލަނޑު

ހެންރިކް ލާރސަން (ސްވިޑްން) – 3 ލަނޑު

ކާރން-ހެއިންޒް ރީޑްލް (ޖަރުމަން) – 3 ލަނޑު

  • 1996

އެލަން ޝިއަރަރ (އިންގްލެންޑް) – 5 ލަނޑު

  • 2000

ޕެޓްރިކް ކްލުއިވަރޓް (ހޮލެންޑް) – 5 ލަނޑު

ސާވޯ މިލޯސެވިޗް (ޔޫގޯސްލާވިއާ) – 5 ލަނޑު

  • 2004

މިލާން ބަރޯސް (ޗެކް ރިޕަބްލިކް) – 5 ލަނޑު

  • 2008

ޑޭވިޑް ވިޔާ (ސްޕެއިން) – 4 ލަނޑު

  • 2012

މާރިއޯ ބަލޮޓެއްލީ (އިޓަލީ) – 3 ލަނޑު

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯރޗުގަލް) – 3 ލަނޑު

އެލަން ޒެގޮއިވް (ރަޝިޔާ) – 3 ލަނޑު

މާރިއޯ ގޯމޭޒް (ޖަރުމަން) – 3 ލަނޑު

މާރިއޯ މެންޒުކިޗް (ކްރޮއޭޝިއާ) – 3 ލަނޑު

ފެރނާންޑޯ ޓޮރޭސް (ސްޕެއިން) – 3 ލަނޑު

  • 2016

އެންޓޮއިން ގްރީޒްމަން (ފަރަންސޭސި ވިލާތް) – 6 ލަނޑު

ޔޫރޯގެ ތާރީޚުގައި މޮޅު އެތައް ކުޅުންތެރީންނެއް ފެނިފައި ވާ އިރު، އެކިއެކި މުބާރާތްތަކުގައި ހޯދި ކާމިޔާބުތަކާއި، އެ ކުޅުންތެރީން ނިސްބަތް ވާ ޓީމުތަކަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އަދާ ކޮށްދިން ދައުރަށް ބަލައި، އެންމެ ފާހަގަ ކޮށްލެވޭ ތަރީންނަކީ ތިރީގައި އެވަނީއެވެ.

  • ލެވް ޔެޝިން – ސޮވިއެޓް ޔޫނިއަން – 1964
  • ޔޯހަން ކްރައިފް – ހޮލެންޑް - 1968
  • ގާރޑް މުލަރ – ހުޅަނގު ޖަރުމަން – 1972
  • ފްރާންޒް ބެކެންބާރ – ހުޅަނގު ޖަރުމަން – 1972
  • ކާރލް-ހެއިންޒް ރުމެނިގޭ – ހުޅަނގު ޖަރުމަން – 1980
  • މިޝެލް ޕްލަޓިނީ – ފަރަންސޭސި ވިލާތް – 1984
  • މާރކޯ ވޭން ބާސްޓެން – ހޮލެންޑް – 1988
  • ޕީޓަރ ޝްމެއިކަލް – ޑެންމާރކް – 1992
  • އޮލިވަރ ބިއެރހޯފް – ޖަރުމަން – 1996
  • އެލަން ޝިއަރަރ – އިންގްލެންޑް – 1996
  • ޒައިނުއްދީން ޒިދާން – ފަރަންސޭސި ވިލާތް – 2000
  • ކްރިސްޓިއާނޯ ރޮނާލްޑޯ – ޕޯރޗުގަލް – 2004، 2008، 2012، އަދި 2016
  • ޝަވީ ހަރނާންޑޭޒް – ސްޕެއިން – 2008 އަދި 2012
  • އެންޑްރޭޒް އިނިއެސްޓާ – ސްޕެއިން – 2008 އަދި 2012
  • އީކާރ ކަސިޔަސް – ސްޕެއިން – 2008 އަދި 2012

2016 ވަނަ އަހަރު ފަރަންސޭސި ވިލާތުގައި ބޭއްވުނު ޔޫރޯ 2016 ގެ ކުރީން، ޔުއެފާއިން ވަނީ އެހައިތަނަށް ބޭއްވުނު ހުރިހައި މުބާރާތްތަކެއްގައި ކުޅުނު ކުޅުންތެރީންގެ ތެރެއިން، އާއްމުންގެ ވޯޓަކަށް ބަލައި، އޯލް-ޓައިމް އިލެވެންގެ ޓީމެއް ހޮވައިފައެވެ. އެ ޓީމުގައި ހިމެނޭ ކުޅުންތެރީން ތިރީގައި އެވަނީއެވެ.

  • ގޯލްކީޕަރު – ޖިއާން ލުއިޖި ބުފޯން (އިޓަލީ)
  • ޑިފެންޑަރު – ޕައޮލޯ މަލްޑީނީ (އިޓަލީ)
  • ޑިފެންޑަރު – ފްރާންޒް ބެކެންބާރ (ޖަރުމަން)
  • ޑިފެންޑަރު – ކާރލްސް ޕުޔޯލް (ސްޕެއިން)
  • ޑިފެންޑަރު – ފިލިޕް ލާމް (ޖަރުމަން)
  • މިޑްފީލްޑަރ – އެންދްރޭސް އިނިއެސްޓާ (ސްޕެއިން)
  • މިޑްފީލްޑަރ – އެންދްރެއާ ޕީރްލޯ (އިޓަލީ)
  • މިޑްފީލްޑަރ – ޒައިނުއްދީން ޒިދާން (ފަރަންސޭސި ވިލާތް)
  • ފޯވާރޑް – ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯރޗުގަލް)
  • ފޯވަރޑް – ތިއެރީ އޮންރީ (ފަރަންސޭސި ވިލާތް)
  • ފޯވަރޑް – މާރކޯ ވޭން ބާސްޓެން (ހޮލެންޑް)
  • ޔޫރޯ މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި މެޗަކީ، 1960 ގައި ބޭއްވުނު އެންމެ ފުރަތަމަ ޔޫރޯގައި ޔޫގޯސްލާވިއާ އާއި ފަރަންސޭސި ވިލާތް ބައްދަލު ކުރި މެޗެވެ. އެ މެޗު ޔޫގޯސްލާވިއާ ކާމިޔާބު ކުރީ 5-4 ގެ ނަތީޖާއަކުންނެވެ.
  • މިހައިތަނަށް ބޭއްވުނު 15 ޔޫރޯ މުބާރާތުގެ ތެރެއިން، ނިސްބަތުން މެޗަކަށް އެންމެ ގިނަ ލަނޑު ޖެހި މުބާރާތަކީ ވެސް 1960 ގައި ބޭއްވުނު ފުރަތަމަ ޔޫރޯއެވެ. އެ މުބާރާތުގައި މެޗެއްގައި އެވްރެޖްކޮށް 4.25 ލަނޑު ޖަހައިފައި ވެއެވެ.
  • 1976 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލް މެޗުގައި ބައްދަލު ކުރީ ޗެކޮސްލޮވޭކިއާ އާއި ހުޅަނގު ޖަރުމަނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ޗެކޮސްލޮވޭކިއާ މުބާރާތް ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 5-3 އިން ހުޅަނގު ޖަރުމަން ބަލި ކޮށްފައެވެ. ޗެކޮސްލޮވޭކިއާ އަށް ތަށި ކަށަވަރު ކުރުމަށް ޓަކައި ފަހު ޕެނަލްޓީ ކާމިޔާބު ކުރީ އެންޓޮނިން ޕެނޭންކާއެވެ. އެ ޕެނަލްޓީ އަކީ މިއަދާ ހަމަޔަށް ވެސް "ޕެނޭންކާ" ގެ ނަމުން މަޝްހޫރު، އަދި ޕެނެލްޓީ ޖެހުމުގެ އެންމެ ރީތި އަދި އެންމެ މަގުބޫލު ގޮތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
  • ޔޫރޯ އެންމެ ގިނަ މެޗު ކުޅުނީ ޖަރުމަނެވެ. އެއީ 49 މެޗެވެ. އެންމެ ގިނަ މެޗު ކާމިޔާބު ކުރީ ވެސް ޖަރުމަނެވެ. އެއީ 26 މެޗެވެ. އެންމެ ގިނަ މެޗުން ބަލި ވީ ޑެންމާރކް އަދި ރަޝިޔާއެވެ. މިއިން ކޮންމެ ޓީމެއް ވެސް ޔޫރޯގައި 14 މެޗުން ބަލި ވެފައި ވެއެވެ. އެންމެ ގިނަ މެޗުން އެއްވަރު ވުމުގެ ރިކޯޑު އޮތީ 16 މެޗާ އެކު އިޓަލީއަށެވެ. ޔޫރޯގެ ތާރީޚުގައި މިހައިތަނަށް އެންމެ ގިނަ ލަނޑު ޖެހީ ޖަރުމަނެވެ. އެ ޓީމު ވަނީ ޖުމުލަ 72 ލަނޑު ޖަހައިފައެވެ.
  • ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހީ ފަރަންސޭސި ވިލާތުގެ މިޝެލް ޕްލެޓިނީ އާއި، ޕޯރޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް މުބާރާތުގައި 9 ލަނޑު ޖަހައިފައި ވެއެވެ. ޕްލަޓިނީ 9 ލަނޑު ޖެހީ ޔޫރޯ 1984 ގައެވެ. އެއާއެކު އޭނާ ވެފައި ވަނީ ޔޫރޯ އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މިހާރު ވެސް އޮތީ ޕްލަޓިނީގެ އަތުގައެވެ. ރޮނާލްޑޯ 9 ލަނޑު ހަމަ ކުރީ ޔޫރޯ 4 މުބާރާތުގައި ކުޅެގެންނެވެ. ކޮލިފައިންގ މެޗުތަކާ އެކު، އެންމެ ގިނަ ލަނޑު ޖަހައިފައި ވަނީ ރޮނާލްޑޯއެވެ. އޭނާގެ ޖުމުލައަކީ 40 އެވެ.
  • ޔޫރޯ މުބާރާތެއްގެ ފައިނަލް އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސްޕެއިނެވެ. 2012 ވަނަ އަހަރުގެ ފައިނަލް މެޗުގައި އިޓަލީ އަތުން ސްޕެއިން މޮޅު ވީ 4-0 އިންނެވެ.
  • ޖެހިޖެހިން ތިން ޔޫރޯ މުބާރާތުގެ ފައިނަލަށް ދިޔަ ހަމައެކަނި ޓީމަކީ ޖަރުމަނެވެ. ހުޅަނގު ޖަރުމަނުގެ ގޮތުގައި އޮތް އިރު، އެ ގައުމު ވަނީ 1972، 1976، އަދި 1980 ގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މީގެ ތެރެއިން 1972 އަދި 1980 ގައި އެ ޓީމު މުބާރާތް ކާމިޔާބު ވެސް ކުރިއެވެ.
  • ޔޫރޯ 1992 ކާމިޔާބު ކުރި ޑެންމާރކަކީ އެންމެ ފުރަތަމަ މުބާރާތަށް ކޮލިފައި ވި ވެސް ޓީމެއް ނޫނެވެ. އެ ޓީމަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުނީ، ކޮލިފައިންގގައި އެ ޓީމު ހިމެނުނު ގުރޫޕް ކާމިޔާބު ކޮށްގެން މުބާރަތަށް ކޮލިފައި ވެފައި އޮތް ޔޫގޯސްލާވިއާއާ ދެކޮޅަށް އަލިފުދާލު ޖަމްއިއްޔާގެ ސަލާމަތީ މަޖިލިހުން އެޅި ދަތި ކުރުމުގެ ފިޔވަޅުތަކާ ހުރެ ޔޫގޯސްލާވިއާއަށް މުބާރާތުގައި ކުޅެވޭ ގޮތް ނުވެ، ގުރޫޕުގެ ދެވަނަ ޓީމަށް މުބާރާތުން ޖާގަ ދޭން ނިންމުމުންނެވެ.
  • ޔޫރޯގެ ތާރީޚުގެ އެންމެ ހައިރާން ކުރުވަނިވި ނަތީޖާ އަކީ، ޔޫރޯ 2004 ގްރީސް ކާމިޔާބު ކުރި ކުރުމެވެ. އެ އަހަރުގެ މުބާރާތް ބޭއްވުނީ ޕޯރޗުގަލްގައެވެ. އެއީ ޕޯރޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރަން ޒަމާނެވެ. އެހެންކަމުން، ގިނަ ބަޔަކު ތިބީ އެ ފަހަރަކީ ރޮނާލްޑޯގެ ޖާދޫއާ އެކު ޕޯރޗުގަލް ތަށި އުފުލައިލާނޭ ފަހަރު ކަމަށް ގަބޫލު ކޮށްގެންނެވެ. ނަމަވެސް ފައިނަލުގައި މޮޅަށް ކުޅުނު ޕޯރޗުގަލް 1-0 އިން ބަލި ކޮށް މުބާރާތް ކާމިޔާބު ކުރީ، އޭގެ ކުރީން ބޮޑު މުބާރާތެއްގައި އެންމެ މެޗަކުން ވެސް މޮޅު ވެފައި ނެތް ގްރީސެވެ. 2004 ގެ ކުރީން، ގްރީސް ޔޫރޯގައި ކުޅެފައި ވަނީ ވެސް އެންމެ ފަހަރަކުއެވެ. އެއީ 1980 ގައެވެ.
  • 2008 އާއި 2012 ގެ ޔޫރޯ މުބާރާތްތައް ކާމިޔާބު ކުރި ސްޕެއިނަކީ މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ރީތި ފުޓުބޯޅައެއް ކުޅެގެން، އެންމެ ގިނަ މީހުންގެ ލޯބި ހޯދައިގެން، ތަށްޓާ ހަމަޔަށް ވާސިލު ވި ޓީމު ކަމަށް ބުނެވެއެވެ. އެއިރު ސްޕެއިން ޓީމު ކުޅެފައި ވަނީ މަޝްހޫރު "ޓިކި-ޓާކާ" ފުޓުބޯޅައެވެ. ޝަވީ ހަރނާންޑޭޒާއި، އެންދްރޭސް އިނިއެސްޓާ އާއި، ސެސްކް ފަބްރެގާސް އާއި، ޑޭވިޑް ސިލްވާ އަކީ ސްޕެއިނުގެ "ޓިކި-ޓާކާ" ފުޓުބޯޅައިގެ އިންޖީނު ކަމަށް ވި ކުޅުންތެރީންނެވެ.
  • ޔޫރޯ ދެ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ހަމައެކަނި ޓީމަކީ ސްޕެއިނެވެ. އެ ޓީމު ވަނީ 2008 ގެ މުބާރާތާއި، ޖެހިގެން އައި 2012 ގެ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ. މި ދެ މުބާރާތުގެ ފައިނަލުގައި ވެސް ލަނޑު ޖެހި ސްޕޭނުގެ ފެރނާންޑޯ ޓޮރޭސް އަކީ މިހައިތަނަށް ޔޫރޯގެ ދެ މުބާރާތެއްގެ ފައިނަލުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ.
  • މެޗުގެ ނުވަދިހަ މިނިޓު ލަނޑެއް ނުޖެހި ނިމުނު ހަމައެކަނި ޔޫރޯ ފައިނަލަކީ 2016 ވަނަ އަހަރުގެ މުބާރާތުގައި ފަރަންސޭސި ވިލާތާއި ޕޯރޗުގަލް ބައްދަލު ކުރި މެޗެވެ. ޕޯރޗުގަލް ތަށި ހޯދީ މެޗުގެ އިތުރު ވަގުތުގައި އީޑަރ ލޯޕޭޒް ކާމިޔާބު ކުރި ލަނޑުންނެވެ.
  • ޔޫރޯގެ ތާރީޚުގައި، ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ގިނަ މެޑެލް/އެވޯޑު ހޯދި ކުޅުންތެރިޔަކީ ސްޕެއިނުގެ އެންދްރޭސް އިނިއެސްޓާއެވެ. އިނިއެސްޓާއަށް ލިބިފައި ވާ މެޑެލްތަކާއި އެވޯޑުތަކުގެ ޖުމުލަ އަކީ 6 އެވެ. އޭގެ ތެރޭގައި 2008 އާއި 2012 ގެ ޗެންޕިއަންކަމުގެ ރަން މެޑެލް ވެސް ހިމެނެއެވެ.