މާލޭ ވިޔަފާރިވެރިންގެ ބަނދަރު ގުޅިފަޅަށް ބަދަލުކޮށް އެ ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ރޭ އާންމުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން އެ ޕްލޭން އާންމުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުން ރޭ މާލޭގެ ރައްޔިތުންނާއެކު ބޭއްވި ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހޯދުމުގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު ތަރައްގީކުރަން ނިންމާފައިވަނީ ޕާކުތައް ހިމަނައިގެން ހިތްހަމަޖައްސާލަން ގޮސް އުޅޭ ތަނެއްގެ ގޮތުގަ އެވެ.
ޕްލޭންގައިވާ ގޮތުން މަސްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެ ތަނުން ނަގާނެ އެވެ. އަދި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ މިހާރު ލޯކަލް މާރުކޭޓް އޮތް ބިމުގަ އެވެ. ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވަނީ ވެސްޓްޕާކް ސަރަހައްދުގަ އެވެ.
ޕްލޭންގައިވާ ގޮތުން، ބަނދަރު ނެގުމަށްފަހު އެތަން ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެ ތަނުގެ ކުރިމަތީގައި ހުރި އަތޮޅުފިހާރަތައް ހިމާޔަތް ކުރުމަށް "ރެޓްރޯ ރީޓައިލް ފްރިންޖު"ގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ޕޯޓު ގުޅިފަޅަށް ބަދަލު ކުރުމުން އެ ސަރަހައްދުގެ ބޮޑު ބައެއް ހުސްވާނެތީ ބާޒާރުމަތި ސަރަހައްދު ތަރައްގީ ކުރާނީ ފުޅާ މަގުތަކާއެކު ހިނގައި އުޅޭ ސަރަހައްދެއްގެ ގޮތުގަ އެވެ. އަދި އެ ސަރަހައްދުގައި ބޭނުންކުރާނީ ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ޕްލޭންގައިވާ އެ ސަރަހައްދުގައި ސިނަމާއަކާއި ސުވިމިން ޕޫލަކާއި ޕާކިން ބިލްޑިންގެއް ހެދުމަށްވެސް ހިމަނާފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ޕްރެސެންޓޭޝަންގައި މާލެއަކީ ހިތްފަސޭހަ އަމާން ތަނަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު