ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކަކީ ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް މި ސަރުކާރުން މާފުދީ ދޫކޮށްލާފައިވާ މީހެއްކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކު ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ. އެ މައްސަލާގައި ހައްޔަރުކޮށް އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައިވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލި އެވެ.
ކަރެކްޝަންސްގެ އިސް އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އަލިމަނިކަށް މާފުދީ ދޫކޮށްލާފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާއަށް މާފު ދީފައިވަނީ ހިމަންދޫ މައްސަލައިގައި ކުރި ދިހަ އަހަރުގެ ޖަލު ހުކުމަށެވެ. އޭރު އޭނާގެ ހުކުމުގައި އިތުރު އަށް މަހާއި ދުވަސްކޮޅެއް ބާކީ އޮތެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން އަބްދުﷲ އަލި މަނިކަށް މާފު ދެއްވާފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި އަލިމަނިކަށް ލުއިދީ މިނިވަންކުރިއިރު އޭނާ ވަނީ ހަ މަސް ދުވަހުގެ ހުކުމަކާއި ދެ މަސް ދުވަހުގެ ދެ ހުކުމެއްވެސް ކުރިން ތަންފީޒުކޮށްފައެވެ.
އަލިމަނިކު މިނިވަންވިފަހުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލެއިންނެވެ.
އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގައި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އޭނާ އަދާކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު