ހިޔާ ފްލެޓްތަކުގެ އެގްރީމަންޓްގައި ސޮއިކުރަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި ސޮއިކުރަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށާއި އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

"އެ ފްލެޓްތައް ލިބުނު މީހުންނާ އެކު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ޖުލައި މަހުގެ 14 ވަނަ ދުވަހުގައި ފަށާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މަހެއްހާ ދުވަސްތެރޭގައިި އެ މަސައްކަތް ނިމޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، ފްލެޓްތަކުގެ އެގްރީމަންޓްގައި ސޮއިކޮށް ނިމުނު ނަމަވެސް، ފްލެޓްތަކަށް ވަދެވޭ ވަރުވާނީ އެތަންތަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލިތަކާ ގުޅޭ ގޮތުން މަބްރޫކް ވިދާޅުވީ، ކުލީގެ ކަންތައް އަދި ފައިނަލްނުވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާއަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.