ސަރުކާރުން ރޭ އިއުލާންކުރި "ގެދޮރުވެރިޔާ ލޯން" ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ގެދޮރުވެރިޔާ ލޯން ސްކީމުގެ ދަށުން ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، މި ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ ގިނަ ވެގެން 20 އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލްއަޒީޒު ވިދާޅުވީ ގެދޮރުވެރިޔާ ލޯނަށް މިހާރު އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ ފޯމު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ލޯނާ ގުޅޭ މައުލޫމާތު ހޯދުމަށް ތިން ފޯނު ނަންބަރެއް ހާއްސަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 3000132، 3000131 އަދި 3000117 އެވެ.
"އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނަށް މިހާރު އެޕްލައިކުރުމުގެ ޕްރޮސެސް ވަނީ ހުޅުވާލެވިފައި. އެޗްޑީއެފްސީގެ ވެބްސައިޓުން ލޯންގެ އެޕްލިކޭޝަން ފޯމް މިހާރު ލިބެން ހުންނާނެ. ލޯނަށް އެޕްލައިކުރެވޭނެ ގޮތް މިވަނީ ހުޅުވާލެވިފައި،" މަބުރޫކް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްގެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. އަދި މީގެ ގްރޭސް ޕީރިއަޑަކީ 12-15 މަހުގެ މުއްދަތެކެވެ.
މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނުގެ ގޮތުގައި އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000 ރުފިޔާއެވެ. މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގައެވެ. އަދި އަލަށް އިމާރާތް ކުރަން ލޯނަށް އެދޭނަމަ، އެ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ހަރަދު ލާން ޖެހެއެވެ.
ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. އެއީ 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5907 ރުފިޔާއެވެ. 16 އަހަރުން ނަމަ މަހަކު ދައްކަން ޖެހޭނީ 5680 ރުފިޔާއެވެ. 17 އަހަރުން ނަމަ މަހަކު 5485 ރުފިޔާ ދައްކަން ޖެހޭނެއެވެ. 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5307 ރުފިޔާއެވެ. އަދި 19 އަހަރުން ދައްކާނަމަ 5153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5015 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު