އިސްލާމް ދީނާއި މާތް ރަސްކަލާނގެ ރަސްކަންފުޅާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ލާދީނީ ފިކުރުގެ ބަޔަކު އުޅޭނަމަ ހަރުކަށި ފިކުރުވެސް މިރާއްޖޭގައި އުފެދެމުން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެންބަރު ނަޝީދު މިހެން ވިދާޅުވީ، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ނަޝީދު ވިދާޅުވީ ލާދީނީއޭ ކިޔައިގެން ބަޔަކާ މެދު ނަފުރަތު އުފައްދަނީ ކަމަށް ބުނާއިރު ދީނީ އިލްމު ވެރިންނާމެދު ނަފުރަތު އުފެއްދީ ކޮންބައެއްތޯ ބަލަން ޖެހޭ ކމަށެވެ.
ލާދީނީ ކިޔުން ހުއްޓުވުމަށް ވާހަކަ ދައްކާއިރު، މާ މޮޅު ކަމަކަށް ހަދައިގެން ދީނީ އިލްމުވެރިންގެ އަގު ވައްޓައިލުމަށް ރާއްޖޭގައި މަސައްކަތް ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާތް ﷲ އާއި ކީރިތި ރަސޫލާ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފި ހިނދު، މުސްލިމު އަންހެނާ އާއި މުސްލިމު ފިރިހެނާއަށް އެކަމުގައި އިހުތިޔާރެއް ނެތްކަމަށް ކީރިތި ގުރުއާނުގައި ކަނޑައަޅާފައިވާއިރު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނަށް މި ގައުމުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދެވިގެންދަނީ ކީއްވެތޯ އާއި، އެކަންތައްތައް ނުހުއްޓުވެނީ ކީއްވެތޯވެސް ނަޝީދު ސުވާލު ކުރެއްވިއެވެ.
ލާދީނީ ކިޔުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރާ ފަދައިން މިގައުމުގައި ދީނީ ހަރުކައްޓޭ ކިޔައިގެން ކަމެއް ނުކޮށް ތިބޭ މީހުން ހިފާ ހައްޔަރު ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކަމެއް ނުކޮށް ތިބޭ ބައެއްގެ ބޮލުގައި އެމީހާ ހިފައި ހައްޔަރުކުރަން ވީމަ އެމީހާއަކީ ދީނީ މީހަކަށް އެބަހަދާ މިގައުމުގައި އިންޓެލިޖެންސް ރިޕޯޓޭ ކިޔާފަ، އެމީހާ ބޭނުން ބަޔަކު ނައްތާލުމަށްޓަކައި އިންޓެލިޖެންސް ރިޕޯޓޭ ކިޔައިފަ،"
ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ކަމުގެ ޓެގު އެމީހާގެ ބޮލުގައި އެޅުވުމަކީވެސް ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.
މިނިވަންކަމާއެކު ދީނީ ވައުލު ބުނާ ކޮންމެ މީހަކީ ނުރައްކާމީހަކަށް ހަދައި، ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފުރުސަތު އޮތް ގައުމަކަށް މި ގައުމު ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތަށް ލާދީނީ ބައިގަނޑު އުފެދޭ ކަމަށް ވަންޏާ ދީނީ ހަރުކަށި ކަން މި ރާއްޖޭގައި އުފެދޭނެ ކަމަށާއި އެ ހަރުކަށިކަން ނައްތައިލަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ މި ގައުމުން ލާދީނީ ކަން ނައްތާލަން ކަމަށްވެސް ވިދާޅުވިއެވެ.
"ފާޅުގައި މާތް ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މީހާއަކީ މިނިވަނެއް ކަމަށް ބަލައި ވަކި ހިސާބަކުން އެމީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ހަދައި، ދީނާބެހިފައި އެމީހާއަށް މިނިވަންކަމާއެކު އެބަ އުޅެވޭ އެކަމަކު ރަނގަޅު އެއްޗެއް ބުނާއިރަށް އެމީހާއަކީ ސީރިއާ އަށް މީހުން ފޮނުވާ ޓެގު އެޅުވުމަކީވެސް ނަފުރަތު އުފެއްދުން،" ނަޝިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް