ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އަންނަ ކޮންމެ ފަހަރަކު އަނދިރި ދައުލަތް އެކްޓިވް ވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވުދާޅުވެއްޖެއެވެ.
މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، ކޮންމެ ފަހަރަކު ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައުމާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ގިނަވާ ސަބަބަކީ އެއް އިރެއްގައިވެސް، އެ ޕާޓީއަކީ ހަރުކަށި ފިކުރަށާއި އެފިކުރުން ހިންގާ އަމަލުތަކަަށް ތާއީދު ކުރާ ޕާޓީއަކަށް ނުވާތީ ކަމަށެވެ.
އެމްޑީޕީން ޕްރޮމޯޓްކުރަން ބޭނުންވަނީ، އިސްލާމްދީނުގެ މަތިވެރި ހުދޫދުތަކާއި މިންގަނޑުތައް ކަމަށާއި، އެކަމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގާނޫނަށް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުމުގެ ބޭނުމަކީ ތިމާ ހިތްހަމަ ނުޖެހޭ މީހާއާ ދިމާލަށް ކާފަރެކޭ ބުނެ، މަގުމަތިން ހުކުމްކުރުން ހުއްޓުވުން ކަމަށެވެ.
މިހާރު މުޖުތަމައުން ފެންނަމުން ދަނީ ހިތް ނުރުހޭ ކޮންމެ މީހެއް ކާފަރަކަށް ހަދާތަން ކަމަށާއި، ދީނޭ ކިޔައިގެން މީސްމީހުންނާ ދޭތެރޭ ފިތުނަ ފަސާދަ އުފައްދާ މަންޒަރު ކަމަށެވެ. އަނެއްމީހާ އަކީ ކާފަރެއް ކަމަށް ކަނޑައަޅައި މަގުމަތިން ހުކުމް ކޮށް މަގުމަތީން އެ ހުކުމް ތަންފީޒު ކުރާ ހިސާބަށް ދިއުމަކީ މުޖުތަމައު ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ހުސްވި މެއި މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އެގޮތަށް ނަފުރަތު އުފައްދަމުން ގޮސް ދިން ހަމަލާއެއް ކަމަށާއި އެފަދަ ކަންތައްތަކަށް މި ގައުމުގައި ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.