ސްޕެއިންއިން ރޭ ކުޅުނު ގްރޫޕް އީގެ ފުރަތަމަ މެޗު ނިމުނީ ސްވިޑެން ކައިރީ 1-1 އިން އެއްވަރު ވެގެންނެވެ. ސްޕެއިންގެ ހޯމް ކަމަށްވާ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ރޭގެ މެޗު ކުޅެފައިވާއިރު، މެޗުގައި ސްޕެއިން އަށް ލިބުނު އެތައް ފުރުސަތެއް ބޭކާރުވެގެން ދިޔަތަން ފެނުނެވެ. އެޓީމުން މެޗު ޑޮމިނޭޓްކޮށް ޕާސްތައް ޖަހައި އެޓޭކް ކޮށްގެން ކުޅުނު ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އެންރީކޭގެ ޓެކްޓިިކްސްއަށް ވިސްނައި ސްވިޑެން ސަމާލުކަން ދިނީ ފަހަތުގައި މަޑުކޮށް ދިގު ބޯޅައެއް ލައިގެން ކައުންޓާ އެޓޭކް ކުރުމަށެވެ.

މެޗަށްފަހު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސްވިޑެންގެ ޓެކްޓިކްސްއަށް ފާޑު ކިޔާފައެވެ.

"އަހަރެމެން ސްވިޑެންއަށްވުރެ މާ ބޮޑަށްވެސް މޮޅު. އިދިކޮޅު ޓީމުން ވިސްނީ ހުއްޓާނުލައި ޑިފެންސް ކުރަން. އެހެން ތިބެފައި ބޮޑު ބޯޅައެއް ލައިގެން މޮޅުވާން މަސައްކަތްކޮށް، އެކަން ހާސިލު ނުވީވެސް ހަމަ ކިރިޔާ. އެއީ ހައްގުވާ ނަތީޖާއެއް ނޫން. އަހަރެންގެ ކުޅުންތެރިންނާއި ސަޕޯޓަރުން މާޔޫސްވިކަންވެސް އެނގޭ. އެކަމަކު އަދިވެސް މަސައްކަތްކުރާނަން. މިއީ ފެށުމެއް،" އެންރީކޭ ބުނެފައިވެއެވެ.

އެންރީކޭ އިތުރަށް ބުނެފައި ވަނީ ދަނޑުގެ ވިނަގަނޑުގެ މައްސަލަ ކުޅުންތެރިން ޖެއްސި ކަމަށާއި، ވިނަގަނޑު އޮތް ހާލަތު ގޯސްކަން އޭނާއަށްވެސް ފާހަގަވި ކަމަށެވެ.

"ވިނަގަނޑު އަހަރެމެންނަށް އެހީތެރިއެއް ނުވި. ކުޅުންތެރިން އެކަމާ ޝަކުވާ ވެސް ކުރި. އަހަރެމެން ބޭނުންވޭ ވިނަގަނޑު އެއައްވުރެ ރަނގަޅަށް އޮންނަން. އެކަމަކު އެއީ ބަހަނާއެއް ނޫން،" މެޗަށްފަހު އެންރީކޭ ބުނެފައިވެއެވެ.

ސްޕެއިނުން ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗުގައި ނުކުންނާނީ ޖޫން 20 ވަނަ ދުވަހު ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗަށްވެސް ސްޕެއިން ނުކުންނާނީ އަމިއްލަ ދަނޑުގައެވެ.