މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ކުރިމަތީގައި ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.

ކަނބާ އައިސާ ރަނި ހިގުމުގައި ވާ އައިޖީއެމްއެޗްގެ މައި ގޭޓު ކުރިމައްޗަށް ވާ ގޮތަށް ހަދާފައިވާ މި ޓެކްސީ ސްޓޭންޑް ހަދާފައިވަނީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ޓެކްސީ ސްޓޭންޑް ގެ ހުރިހައި މަސައްކަތްތަކެއް ނިމި މިހާރު ބޭނުން ކުރަމުން އަންނައިރު، މި މަސައްކަތަށް ޖުމުލަ 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފެން ކުންފުނީން ވަނީ ބުނެފަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަޑު މަގުސަދަކީ، އައިޖީއެމްއެޗްގެ މައި ގޭޓު ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަގަން ބޭނުންވާ މީހުންނަށް ހިޔަލުގައި މަޑުކޮށްލައި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް، އިށީންދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، ހާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ސްޓޭންޑުގެ ސަބަބުން ފަސޭހަކަން ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައިވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމައުގެ ކުރިއެރުމާއި ލާބަ އާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރޮނގުން އެހީތެރި ވެ، މަސައްކަތްތައް ކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.