އެމްޓީސީސީ

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް

ރިފާ ހަލީލު

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އާހާބަރުގެ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ ލަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.4 މިލިއަން ރުފިޔާއަށެވެ.