ޔޫރޯ 2020 ގެ ގްރޫޕް އީގެ ދެވަނަ މެޗުގައި ސްވިޑެންއާއި ސްޕެއިން އެއްވަރު ވެއްޖެއެވެ.

ސްޕެއިންގެ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. ގޯލެއް ނުޖެހުނު ނަމަވެސް މެޗުގައި ހަމަލާތައް އިންތިހާއަށް ފެނުނެވެ. ސްޕެއިންގެ ހުސް ފުރުސަތުތައް ބޭކާރުވި ތަނާއި، ސްވިޑެންގެ ގޯލްކީޕަރުގެ ގިނަ ސޭވްތަކެއްވެސް މެޗުގައި ފެނުނެވެ. އެޓޭކަކަށްފަހު އެޓޭކެއް ސްޕެއިނުން އުފެއްދި ނަމަވެސް އެޓީމަށް މެޗުގައި ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

ސްޕެއިން ޔޫރޯއަށް ނުކުތީ ގިނަ ކަންތައްތަކެއް ސާބިތުކޮށްދިނުމަށެވެ. ޓީމު އަލުން ޒުވާން ކޮށްލައި، ކުރީގެ ކާމިޔާބީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ސަޕޯޓަރުންނަށް ދައްކައިލުމަށެވެ. އެކަމަށް ޓީމާއެކު ނުކުތީ ކުރިން ބާސެލޯނާގެ ކޯޗަކަށް މަސައްކަތްކުރި ލުއިސް އެންރީކޭއެވެ. މުބާރާތަށް ސްކޮޑު ނެގި ހިސާބުންވެސް އެންރީކޭއަށް ސުވާލުތަކެއް ކުރިމަތިވިއެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ސްކޮޑުގައި ނެތުން އެއީ އޭގެން އެއް ސުވާލެވެ. އެ ސުވާލާއެކު ސްޕެއިންއަށް 2008 އަދި 2012 ގެ ކާމިޔާބީ ތަކުރާރުވާނެ ކަމާމެދު ގިނަ ބަޔަކު ޝައްކުވެސް ކުރިއެވެ.

އެންރީކޭއަށް ފުރަތަމަ މެޗަށް އުނދަގޫ ހާލަތްތަކެއްވެސް ދިމާވިއެވެ. އަނިޔާގެ ސަބަބުން ސްކޮޑުން ވަކިވި ކެޕްޓަން ސާޖިއޯ ރާމޯސް ނުލައި ގޮސް، ކެޕްޓަން ބޭންޑް ހަވާލުކުރި ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސް މުބާރާތަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެންރީކޭ އަނެއްކާވެސް ހާސްވިއެވެ. އެ ހުރިހާ ކަމަކާއެކުވެސް އޭނާ ބުނީ މިރޭގެ މެޗުގައި ސްޕެއިންގެ ހިތްވަރު ފެންނާނެ ކަމަށެވެ. ހާލަތު ގޯސް ނަމަވެސް، ހާލަތަށް ހޭނެން ސްޕެއިންއަށް އެނގޭނެ ކަމަށެވެ.

ކޮންމެއަކަސް މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންގެ ފަރާތުން ފެނުނީ ރަސްމީ ސްޕެއިން ފުޓުބޯޅައެވެ. އެންރީކޭގެ ވިސްނުން ވަރަށް ސާފެވެ. ޕޮސެޝަން ހިފަހައްޓައި މެޗު ޑޮމިނޭޓްކޮށް، ހަމަލާ އުފައްދަން ސަޕެއިންއިން މަސައްކަތް ކުރިއެވެ. ގޯހަކަށްވީ ލިބޭ ފުރުސަތުތައް ބޭކާރު ކުރުމެވެ. އެއީ ސްޕެއިންގެ އެންމެ ރަން ޓީމަށްވެސް ދިމާވި އުނދަގޫތަކެކެވެ. ސްޕެއިންއާ ދެކޮޅަށް ކުޅޭ ޓީމު އަބަދުވެސް ވަރަށް ބޮޑަށް ފަހަތަށް ޖެހި، ޕެކް ޑިފެންސެއް ކުރުމުގެ ސަބަބުން ސްޕެއިންއަށް ގޯލް ޖަހަން އުނދަގޫތަކެއް ދިމާވެއެވެ. އަދި ކައުންޓާ އެޓޭކްގައި ސްޕެއިންއަށް ލަނޑު ދޭ ފަހަރުވެސް އާދެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ކޯކޭއާއި ޑެނީ އޮލްމޯގެ ހަމަލާތައް ފާހަގަވިއެވެ. ކޯކޭގެ ވަރުގަދަ ދެ ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔައިރު އޮލްމޯގެ ދެ ހަމަލާއެއް ވަނީ ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަން މަތަކޮށްފައެވެ. އެ ހަމަލާތައް ކާމިޔާބު ނުވެ ސްޕެއިންއިން ގޯލަކަށް ކުރި މަސައްކަތަށް ލިބުނު ރަނުގެ ހުސް ފުރުސަތު ފުރަތަމަ ހާފުގައި ލިބުނީ އަލްވާރޯ މޮރާޓާއަށެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ، ކީޕަރު އެކަނި ހުއްޓައި މޮރާޓާ ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އާ ކަމެއްވެސް ނޫނެވެ. ސްޕެއިންއިން ޔޫރޯއަށް ވާމްއަޕް ކުރުމަށް ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް މޮރާޓާގެ ފަރާތުން ހުސް ފުރުސަތެއް ބޭކާރު ކޮށްލިތަން ފެނިފައިވެއެވެ. މޮރާޓާގެ ނިންމައިލުންތައް ގޯސް ކަމަށް ގިނަ ބަޔަކު އަބަދުހެން ފާހަގަކުރަމުން ދަނިކޮށް، ޖެރާޑް މޮރޭނޯ ނާރުވައި އެންރީކޭ މޮރާޓާ އެރިވި ސަބަބާ މެދު ސުވާލުތަކެއްވެސް އުފެދެއެވެ. ވިލަރެއާލްއާއެކު ކާމިޔާބު ސީޒަނެއް ނިންމާލި މޮރޭނޯގެ ސްޓެޓްސް ހުރިހާ ގޮތަކުންވެސް މޮރާޓާއަށްވުރެ ރަނގަޅެވެ.

ސްޕެއިންއިން ހަމަލާތައް ގިނަކޮށް ނުރައްކާ ކުރި ނަމަވެސް ފުރަތަމަ ހާފުގައި ގޯލަކާ އެންމެ ގާތަށް ޖެހިލީ ސްވިޑެންގެ ޒުވާން ތަރި އެލެކްސެންޑްރާ އިސާކެވެ. އިސާކްގެ ފުރަތަމަ ހަމަލާ ލަޕޯޓް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ ލޮރެންޓޭ ވަނީ ދިފާއުކޮށްފައެވެ. ލޮރެންޓޭ ދިފާއުކުރުމާއެކު އެ ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންއަށެވެ.

ދެވަނަ ހާފުގައި ސްވިޑެން ތަންކޮޅެއް ބޮޑަށް ކުރިއަށް ޖެހުނެވެ. އިސާކްގެ ނުރައްކާ ސްޕެއިންއަށް ފޯރަމުން ދިޔަ އިރު، ހާފުގެ ކުރީކޮޅުގައި އޭނާގެ ހުރަހަކުން މާކަސް ބާގަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ސްޕެއިން ދެވަނަ ހާފުވީ އަދި މާ އުނދަގޫ ހާފަކަށެވެ. ފުރަތަމަ ހާފުގައި ކުޅުނު ކުޅުން ދަމަހައްޓަން އުނދަގޫވި އިރު، ސްވިޑެންގެ ހިތްވަރު މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ދިޔައީ ގަދަވަމުންނެވެ.

ސްޕެއިންއިން ފަހު 10 މިނެޓުގައި މުޅި ޓީމު އެކީ ކުރިއަށް ޖައްސާލައިގެން ރާޅު ރާޅަށް ސްވިޑެން އޭރިއާ ތެރެއަށް އެޓޭކް ކުރިއެވެ. ގޯލަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ނަމަވެސް އެޓީމަށް ސްވިޑެން ފޫއަޅުވައެއް ނުލެވުނެވެ. ހާއްސަކޮށް ފަހު މިނެޓުގައިވެސް ސްވިޑެން ގޯލްކީޕަރު އޮލްސަން ވަނީ ސްޕެއިންގެ މޮރޭނޯ ބޮލުން ޖެހި ބޯޅަވެސް މަތަކޮށް ބޭރު ކޮށްލައިފައެވެ.

މިއީ 1980 ވަނަ އަހަރަށްފަހު ޔޫރޯގެ ގްރޫޕް ސްޓޭޖު މެޗެއްގައި ސްޕެއިން 0-0 އިން އެއްވަރުވި ފުރަތަމަ ފަހަރެވެ.

  • މާދަމާގެ މެޗުތައް

21:00 ޕޯޗުގަލް - ހަންގޭރީ

00:00 ފްރާންސް - ޖަރުމަން