ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ބޭރުގެ ކުންފުނިތަކަށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށާއި މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ވިދާޅުވެއްޖެ އެވެ.

ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ އެއާޕޯޓުތައް ބޭރުގެ ކުންފުނިތަކަށް ދީނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނިވެސް ބޭރުގެ އެއްވެސް ފަރާތަކަށް ދިނުމުގެ ވިސްނުމެއް މިސަރުކާރުގެ ނުވެސް ނެތް އެފަދަ ކަމެއް މި ސަރުކާރުން ނުވެސް ގެންގުޅޭނެ،" ފައްޔާޒް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭ ގޮތަށް ގަވާއިދު ބަދަލު ކުރުމުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް އެއާޕޯޓުތައް ދިނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށާއި އެކަން ބަދަލު ކުރީ މި ސަރުކާރުން ކަމަށެވެ.

"ޕީއެންސީ/ޕީޕީއެމް ހިންގުމާއި ހަވާލުވެހުންނެވި ލީޑަރު މިއަދު ވިދާޅުވި، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އެބަޖެހެއޭ ބޭރުގެ ފަރާތަކަށް އެއާޕޯޓު ހިންގޭ ގޮތަށް ގަވާއިދު ބަދަލު ކުރީމަ. ދަންނަވަންތޯ އަޅުގަނޑު ހަވާލުވަންދެެން އޮތް ގަވާއިދަކީ، އުސޫލަކީ 100 ޕަސަންޓް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް އޯންކޮށް، އޮޕަރޭޓްކޮށް، މެނޭޖުކުރެވޭ ގޮތަށް. އެހެން އޮއްވާ އަޅުގަނޑު އައިސް 75 ޕަސަންޓަށް ކުޑަކުރީ، އެ ފުރުސަތުގެ ތެރޭގައި ދިވެހީންނަށް މަޖުބޫރުކުރުވައިގެން ނަމަވެސް އެ 25 ޕަސަންޓް ދިވެހީންނަށް ހޯދައިދިނުމަށްޓަކައި،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓާއި މާފަރު އެއާޕޯޓުން މިސާލު ނަންގަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެ ދެ އެއާޕޯޓަކީވެސް ބޭރުގެ ކުންފުނިތަކަށް ކުރީ ސަރުކާރުން ދީފައިވާ އެއާޕޯޓުތައް ކަމަށެވެ.

"2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ކޫއްޑޫ އެއާޕޯޓް ކިޔާ އެއާޕޯޓެއް އޮންނާނެ ގއ. ގައި. މި އެއާޕޯޓް ޑިވެލޮޕްކޮށް ހަދާ ހުރިހާ ކަމެއްކުރީ 100 ޕަސަންޓް ބޭރުގެ ކުންފުންޏެއް. ސިންގަޕޫރުގެ ކުންފުންޏެއް އަޅުގަނޑު ހަނދާންވާ ގޮތުގައި. މިއެއާޕޯޓް ހުޅުވައިގެން އެއާޕޯޓް ހިންގަމުން ދިޔައީ ރާއްޖޭގެ ރީޖަނަލް އެއާޕޯޓްސް ޑިޕާޓުމަންޓުން. މިތަން ހިންގަމުން ގޮސް 2014 ވަނަ އަހަރުގައި ރައިސް ޔާމީންގެ ސަރުކާރުގައި ދިވެހި ސަރުކާރުން ހިންގަމުން އައި އެއާޕޯޓް ދިވެހިރާއްޖޭގައި ރަޖިސްޓްރީވެސް ނުކުރާ ބޭރުގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކިއޯންގް ހޮންގް ކޮންސްޓްރަކްޝަން ޕީޓީއީ ލިމިޓެޑް ކިޔާ ކުންފުންނަކަށް ދިނީ، 100 ޕަސަންޓް ފޮރިން އިންވެސްްޓްމަންޓް ކުންފުންޏެއް،" މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

"އޭގެ އިތުރުން، 2017 ވަނަ އަހަރުގައި އަބޫދާބީ ޑިވެލޮޕްމަންޓް ފަންޑާ އެއްކޮށް ދިވެހި ސަރުކާރުން ސޮއިކުރެއްވީ ނ. މާފަރު އެއާޕޯޓުގެ އެއްބަސްވުމުގައި. އެ އެގްރީމަންޓްގައި ސަރީހަކޮށް ސާފުކޮށް އެބައޮތް ދިވެހިރާއްޖޭގައި އެއާޕޯޓެއް އޮޕަރޭޓް ކުރަން ދީފައި ހުރި ފަރާތްތަކަށް ދީފައި ހުރި ނިސްބަތަށްވުރެ ކުޑަނޫން ގޮތަކަށް ސީދާ އެމީހުންނަށް އޮޕަރޭޓް ކުރަން ދޭން ޖެހޭނެ ކަމަށް. އެހެންކަމުން މާފަރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓު 100 ޕަސަންޓް ބޭރުގެ ބަޔަކަށް އެއްތަން ދީފައި އަނެއްތަން ދެވޭ ގޮތަށް އޮއްވާ އަޅުގަނޑުމެން އައިސްފައި އެކަން ބަދަލު ކުރީ 75 ޕަސަންޓަށް."

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެެއާޕޯޓުތައް ހިންގަން ދޫނުކުރި ނަމަވެސް މުސްތަގުބަލުގައި އެތަންތަނުގެ ހިއްސާ ދިވެހި ކުންފުނިތަކަށް ވިއްކުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށް، އަމަލު ކުރަން ފަށާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުލައި، ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާ ވާ ކުންފުނިތަކަށް ދެވޭނެއެވެ. އަދި އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން އެއާޕޯޓުގެ ހިދުމަތް ދިނުމަށް ހަވާލު ކުރާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓްކޮށް މެނޭޖުކުރުމާއި އެއާ ޓްރެފިކް ކޮޮންޓްރޯލްގެ ހަރަކާތްތަކާއި ގްރައުންޑް ސާވިސް ހިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް ޕޮލިސީއަށް ގެނައި އިސްލާހުގައިވެއެވެ.

މި އިސްލާހަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން މިނިސްޓަރު ފައްޔާޒް މިއަދު ވިދާޅުވީ، އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހުން އެއާޕޯޓަށް އިންވެސްޓްކުރާ ބޭރުގެ އަދި ދިވެހި އިންވެސްޓަރަކަށްވެސް އެއާ ޓްރެފިކުގެ ކޮންޓްރޯލް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް އެއާ ޓްރެފިކު ކޮންޓްރޯލް ބަލަހައްޓާނީ ދިވެހި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.