ޚަބަރު

ހިޔާ ކުއްޖާގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިން: ޖެންޑާ

ޖިންސީ ގޯނާ ކުރި ކުޑަކުދީންގެ ހިޔާގެ ކުއްޖާ ބަލަހައްޓަމުން އަންނަގޮތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު، ގެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 25 އަހަރުގެ ފިރިހެނަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައެވެ.

އެކަމާ ގުޅިގެން ޖެންޑާ އިން ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ގްރޫމްކުރުމުގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް ހަރުދަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"މިމައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިސާވިސްއިން ވަނީ ކުއްޖާ ބަލަހައްޓަމުން އަންނަގޮތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިފަ،" ޖެންޑާގެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ ކުޑަކުދިން ގްރޫމްކޮށް، އެކުދިންގެ އިތުބާރު ހޯދައި ކުދިންނަށް އެކި ބާވަތުގެ އަނިޔާ ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ހުށަހަޅާ މައްސަލަތަކުގައި ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށް ވާ ކުދިންނާ އެކު މަސައްކަތްކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކީ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓުކުރާ މައްސަލަތަކުގައި މުވައްޒަފެއްގެ އިހުމާލުވާނަމަ، އެކަންވެސް ބަލައި ގަވާއިދުގެ ދަށުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ދައުލަތުން ބަލަހައްޓަމުން އަންނަ އެ ކުއްޖާ އަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖެކެވެ.

އެ ކުއްޖާ ފެނިފައިވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރިންނެވެ. އަދި އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެކުއްޖާ ގްރޫމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ހެކި ވަނީ ފުލުހުން ހޯދައިފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލައަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރިކޯޑް ވެސް އޮންނަ މީހެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައެވެ.