ޔޫރޯ 2020 ގެ ގްރޫޕް އީގެ ދެވަނަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗުގައި ވާދަކުރަނީ ސްޕެއިންއާއި ސްވިޑެން. މެޗަށް ސްޕެއިން ނުކުންނާނީ އަމިއްލަ ގައުމުގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި. ސްޕެއިންގައި ހޯސްޓްކުރާ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ސްޕެއިންގެ ސެވިއްޔާގެ ހޯމް ސްޓޭޑިއަމް ކަރުޓޫޖާގައި.

މެޗުގެ ފޯކަސް ބޮޑަށް އަމާޒުވެފައި ވަނީ ޔޫރަޕްގެ ގަދަ ބާރު ސްޕެއިންއަށް. ސްޕެއިންއަކީ މުބާރާތުގެ ފެވަރިޓެއް. 1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދި. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައި. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި. ނަތީޖާއެއްގެ ގޮތުން އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައި.

ސްޕެއިންއިން އަނެއްކާވެސް ނުކުންނާނީ ކާމިޔާބީތައް ތަކުރާރު ކުރަން. އަމިއްލަ ދަނޑުގައި ފުރަތަމަ މެޗު ކުޅުމަކީ ލިބޭނެ އުފަލެއް.

  • ސެވިއްޔާއާއި ލަ ކަރުޓޫޖާ ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ސެވިއްޔާ

ސްޓޭޑިއަމް: ލަ ކަރުޓޫޖާ

ސަޕޯޓަރުންގެ ޖާގަ: 60،000 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 18،000 (30 ޕަސެންޓް)

ސެވިއްޔާ

- ކުރިން އަންދަލޫސް ސަރަހައްދުގެ ވެރިރަށް، ސްޕެއިންގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ

- ގިރާލްޑާ ޓަވަރާއި އަލްކަޒާރު ގަނޑުވަރަކީ ރީތި ހިތްގައިމު ބިނާތައް

ލަ ކަރުޓޫޖާ

- ޔޫޢެފާ ކަޕް، އަދި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ސެވިއްޔާގެ ރަސްމީ ހޯމް ސްޓޭޑިއަމް

- 1999 ވަނަ އަހަރު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ބިނާކުރި ސްޓޭޑިއަމެއް

- ޓެނިސް ކުޅެފައިވާ ސްޓޭޑިއަމެއް، ޑޭވީސް ކަޕް ފައިނަލް ދެފަހަރަށް ކުޅެފައިވޭ

- މެޑޯނާއާއި، ޔޫ2 ބޭންޑް ފަދަ ބޮޑެތި ކޮންސެޓްތައް ހޯސްޓް ކޮށްފައިވޭ

ސްޕެއިން އާއި ސްވިޑެން މިހާތަނަށް 15 މެޗެއްގައި ކުރިމަތިލާފައިވާ އިރު، ސްޕެއިން އިން ވަނީ ހަތް މެޗުން މޮޅުވެފައި. ސްވިޑެންއަށް ސްޕެއިން ކައިރިން މޮޅުވެވުނީ ތިން މެޗުން. ފަސް މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައި.