ޔޫރޯ 2020ގެ ގުރޫޕް އީގެ ދެވަނަ މެޗުގައި ވަރުގަދަ ސްޕެއިން އިން މުބާރާތް ފަށާނީ ސްވިޑެންއާ ދެކޮޅަށެވެ. ސްޕެއިން އިން އަމިއްލަ ގައުމުގެ ސެވިއްޔާގެ ލަ ކާޓޫޖާ ސްޓޭޑިއަމްގައި ފުރަތަމަ މެޗަށް ނުކުންނަ އިރު، މިހާރުގެ ހާލަތަކީ ސްޕެއިންއަށް އެންމެ ފަސޭހަ ހާލަތަކަށް ނުވާނެއެވެ. ފުޓުބޯޅައިގެ ތާރީހު ބޮޑު ސްވިޑެންއާ ދެކޮޅަށް ސްޕެއިން ނުކުންނަން ޖެހޭ އިރު، އެޓީމަށް ވަނީ ކޮވިޑް-19ގެ އުނދަގުލާއެކެ އެހިނިހެން ބައެއް ޕްރެޝަރުތައްވެސް ބޮޑުވެފައެވެ.

މިފަހަރުގެ ޔޫރޯއަށް ސްޕެއިން އިން ނެރުނު ސްކޮޑުގައި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިޔަކު ހިމަނާފައި ނުވުމަކީ މީޑިއާގެ ފަލަ ސުރުހީތަކުން އެންމެ ބޮޑަށް ދެކެވެމުންދިޔަ ވާހަކައެވެ. ސްޕެއިންގެ އެންމެ ނުފޫޒުގަދަ ކްލަބު ރެއާލްގެ ކުޅުންތެރިޔަކު ނުލާ ސްޕެއިން އިން ބޮޑު މުބާރާތަކަށް ނުކުތުން އެއީ އެގައުމުގެ މީޑިއާ އިން މާބޮޑަށް ބަލައިވެސް ގަންނާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ރެއާލްގެ ވާދަވެރި ބާސެލޯނާއަށް ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކަން ކޮށްދިން ލުއިސް އެންރީކޭ ސްޕެއިންގެ ކޯޗަކަށް ހުރެ އެފަދަ ނިންމުމެއް ނިންމުމާއެކު މީޑިއާ އިން ވަނީ ކޯޗަށް ފާޑުވެސް ކިޔައިފައެވެ.

2012 ވަނަ އަހަރުގެ ޔޫރޯއަށްފަހު ސްޕެއިންއަށް ބޮޑު މުބާރާތެއްގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައިނުވާ އިރު، މިއަހަރުގެ ޔޫރޯއަށް ނުކުންނާނީ ޒުވާން ސްކޮޑަކާއެކުގައެވެ. ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަމިއްލައަށް ވާހަކަ ދައްކައި މުބާރާތް ނުކުޅުމަށް ނިންމި ނަމަވެސް ސަޕޯޓަރުން ސުވާލު އުފައްދާފައި ވަނީ ރެއާލްގައި ދެން ތިބި ސްޕެއިންގެ ހަތް ކުޅުންތެރިންގެ ގައިގައިވެސް ގައުމީ ޓީމަށް އެރެވޭނެ ހުނަރު ނެތީތޯ ކުރެވޭ ސުވާލެވެ. ފަހަތަށް ކުޅެމުން އަންނަ ޑެނީ ކަވަހާލް އާއި ނަޗޯ ފެނާންޑޭޒްގެ އިތުރުން ފޯވަޑް މާކޯ އަސެންސިއޯ އަދި ލޫކަސް ވަޒްކުއޭޒްވެސް ސްކޮޑުގައި ހިމެނިފައިނުވާ އިރު، އަލްވާރޯ އޮޑްރިއޮޒޯލާ އާއި އިސްކޯއަށްވެސް އެންރީކޭ ޖާގަ ދީފައެއް ނުވެއެވެ.

އެކަމުގެ ތެރޭގައި އެންރީކޭއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީވެސް ކެޕްޓަން ރާމޯސް އަނިޔާގެ ސަބަބުން ސްކޮޑުގައި ނެތުމެވެ. އެއީވެސް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ރާމޯސްގެ ލީޑާޝިޕް ސްޕެއިންއަށް ގެއްލުމުން އެތަން ފޫބައްދަން ހުރީ ކެޕްޓަން ސާޖިއޯ ބުސްކަޓްސްއެވެ. ބުސްކަޓްސްއަށް ކޯޗު އެންރީކޭ ބަރޯސާވެ ހުއްޓައި ދެން ކުރިމަތިވީ ކޮވިޑުގެ ރާޅެކެވެ. ބުސްކަޓްސް ކޮވިޑަށް ޕޮޒިޓިވްވެ ސްޕެއިން ޓީމަށް ކޮވިޑުގެ ބިރު ހީވެ އެކަހެރިވާން ޖެހުނެވެ. އެކަމާ ގުޅިގެން އެމަޖެންސީ ބައެއް ކުޅުންތެރިން ތަމްރީނުތަކަށްވެސް ކޯޗު އެންރީކޭ ވަނީ ނެރެފައެވެ.

އެ ހުރިހާ ކަމަކީ ސްޕެއިންއަށް ހުރި ޕްރެޝަރުތަކެވެ. އެ ހުރިހާ ޕްރެޝަރަކަށް އެންރީކޭއަށް ޖަވާބުދޭންވެސް އުނދަގޫވާނެއެވެ. މެޗުގެ ކުރިން އޭނާ ވަނީ ވީ ވަރަކުން ޕްރެޝަރު ކުޑަކޮށްފައެވެ.

  • ސްޕެއިން ކޯޗު ލުއިސް އެންރީކޭ

" އިންސާނުންގެ ތެރޭގައި ހުންނަން ޖެހޭ ކަމެއް އަންނަ ބަދަލާއެކު ހޭނުމަކީ. ސްޕެއިންއަށް ކުރިއަށް އޮތް ހަފުތާއަކީ އުނދަގޫ ހަފުތާއެއް. މިހާލަތު ކިތައްމެ އުނދަގޫ ނަމަވެސް އަހަރެމެން ބޭނުމެއް ނޫން ފަސް އެނބުރި ބަލާކަށް. ރާމޯސް ނެތުން އެއީ އުނދަގޫ ކަމެއް. އެކަމަކު ރާމޯސްއަށް މަޑުކޮށް، ރާމޯސް އަންނާނެ ކަމުގެ އުންމީދުގައި މަޑުކޮށްގެން ނުތިބޭނަން. ކޮވިޑުގެ ހާލަތާ ހެދިވެސް އެބަހުރި ބައިވަރު އުނދަގޫތަކެއް. އެކަންކަން ވަރަށްވެސް އުނދަގޫ. ވައިރަސްއާއެކު ސްކޮޑުގެ ޕްލޭންސްވެސް ބަދަލުކުރަން ޖެހިއްޖެ. ޓީމުގެ ތެރޭގެ ރޫހަށް ބަދަލުތަކެއް ޕްރެޝަރުގައި އައި ނަމަވެސް އެކަންކަމާ ކުރިމަތިލުން ދެން އޮންނާނީ،"

  • ސްވިޑެން ކޯޗު ޖޭމްސް އެންޑަސަން

"ސްޕެއިންއާ ދެކޮޅަށް ސްޕެއިންގައި ކުޅުމަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު ޗެލެންޖު. އެއީ އެކްސައިޓިން ޗެލެންޖެއް ނަމަވެސް ސްޕެއިން ބަލިކުރަން 100 ޕަސެންޓް ޕާފޮމަންސެއް ދޭން ޖެހޭނެ. އެކަން ކުރިން ސްވިޑެން އިން ވަނީ ދައްކައިވެސްފައި. ސްޕެއިންއަށް ސްވިޑެން ކުރިންވެސް ފަސޭހަ ނުވާނެ. ޗާންސް އެބަ އޮތް. ސްޕެއިން ބަލިކުރަން ނުކުންނާނީ،"

ސްޕެއިން އާއި ސްވިޑެން މިހާތަނަށް 15 މެޗެއްގައި ކުރިމަތިލާފައިވާ އިރު، ސްޕެއިން އިން ވަނީ ހަތް މެޗުން މޮޅުވެފައެވެ. ސްވިޑެންއަށް ސްޕެއިން ކައިރިން މޮޅުވެވުނީ ތިން މެެެޗެވެ. ފަސް މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.

ސްޕެއިން އާއި ސްވިޑެން ކުޅޭ މެޗު ސެވިއްޔާގެ ދަނޑުގައި މިރޭ އޮންނާނީ ރާއްޖެ ގަޑިން 00:00 ގައެވެ.