ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުގެ ބިމުން ބައެއް އިތުރުކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝަރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ ރަންވޭއަކާއި 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލައަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އެ ރަށުގެ ބިމުން ބޮޑުބައެއް ނެގުމާ ދެކޮޅަށް އެ ރަށުގެ ތިން ޖަމިއްޔާއަކުން އިސްވެ ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. ނަމަވެސް އަދި އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތަކުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ސައްބަ އެކުވެރި ކްލަބުގެ ފަރާތުން 'ވަން'އާ ވާހަކަ ދެއްކެވި އަހްމަދު އަބްދުލް ވާހިދު ވިދާޅުވީ، މިހާރު ވެސް ރަށުގެ މެދުން ކަހަލަ ގޮތަކަށް ބައިކޮށް އެއާޕޯޓަށް ބޮޑުބައެއް ދީފައި އޮއްވައި އަނެއްކާ ވެސް ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި އެ ރަށުގެ ރައްޔިތުންނަށް އޮތް ބިމުން ބައެއް އެއާޕޯޓަށް ދޭން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއާޕޯޓަށް ދޫކޮށްފައި އޮތް ސަރަހައްދުގެ ބޭރުން ރަށުގެ ރައްޔިތުންނަށް އިންނަ ބިންކޮޅުން ގާތްގަޑަކަށް އަށްލައްކަ އަކަފޫޓްގެ ބިން މިދަނީ އަނެއްކާ ވެސް އެއާޕޯޓަށް،" އަބްދުލް ވާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓަށް އެ ރަށުގެ އުތުރު ފަރާތުން ބޮޑުބައެއް މިހާރުވެސް ދޫކޮށްފައިވާކަން ފާހަގަކޮށް އަބްދުލް ވާހިދު ވިދާޅުވީ، އަތަނުގެ ބޮޑުމިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެން ވެސް ބޮޑުވާނެ ކަމަށެވެ.

"ރަށުން ދެން އެވަރުގެ ބޮޑު ބިމެއް ދޫކޮށްފިނަމަ ދެން ނޯންނާނެ އިތުރަށް ރައްޔިތުންނަށް ގޯތި ދޫކުރާނެ ތަނެއް،" އަބްދުލް ވާހިދު ވިދާޅުވި އެވެ.

އާބާދީގައި 2300އެއްހާ މީހުން ތިބި ހަނިމާދޫގައި 3000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކޮށް އަބްދުލް ވާހިދު ވިދާޅުވީ، އެކަމާ އެ ރަށުގެ 90 އިންސައްތަ މީހުން ދެކޮޅުން ކަމަށެވެ. އަދި އެ ރަށަކީ މިހާރު ވެސް މީހުން ހިޖުރަކުރަމުން އަންނަ ރަށެއް ކަމަށް އަބްދުލް ވާހިދު ވިދާޅުވި އެވެ.

"ކަން އެހެން ހުރުމުން އަޅުގަނޑުމެން މިހާރު މި ނިކުންނަނީ ރަށުގެ ބިމުން ރައްޔިތުންނަށް އޮތް ތަންކޮޅުން އެއްވެސް ބައެއް އެއާޕޯޓަށް ދިނުމާ ދެކޮޅަށް. އޮންލައިންކޮށް ސޮއިކުރުމަށް ފަށާފައިވާ ޕެޓިޝަންގައި 300 އެއްހާ މީހުން މިހާރު ވަނީ ސޮއިވެސް ކޮށްފައި،" އަބްދުލއް ވާހިދު ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުންނަށް އޮތް ބިމުން އެއާޕޯޓަށް ބައެއް ނުނެގި ނަމަވެސް އެތަން ތަރައްގީ ކުރެވޭނެ ކަން އެކަމުގައި އިސްކޮށް އުޅޭ ފަރާތަކުން ކިޔައިދިނެވެ. އަދި އެއާޕޯޓަށްވީ ފަޅިން ބޮޑު ފަޅެއް އޮތްއިރު އެތަން ހިއްކައިގެން ވެސް އެއާޕޯޓް ތަރައްގީ ކުރެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއާޕޯޓް ތަރައްގީ ކުރުމާ ދެކޮޅު އެކަކު ވެސް މިރަށަކު ނޫޅޭނެ. އެކަމަށް ވަރަށް ތާއީދު. ނަމަވެސް ރަށު މީހުނަށް އޮތް ބިންކޮޅުގައި އަތް ނުލައި އެކަން ކުރަން ވާނީ،" ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ރަށުން އިތުރު ބިމެއް ދިނުމާ ދެކޮޅަށް ސަރުކާރުގެ އިސް ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަން ފާހަގަކޮށް އެ ރަށުގެ ޖަމިއްޔާއެއްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޕެޓިޝަން ހުށަހެޅުމަށްފަހު އެދެވޭ ޖަވާބެއް ނުލިބެއްޖެ ނަމަ މުޒާހަރާއަށް ނިކުތުމުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.