ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު، ގެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
'ވަން' އަށް އެނގިފައިވާ ގޮތުގައި، ދައުލަތުން ބަލަހައްޓަމުން އަންނަ އެ ކުއްޖާ އަކީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖެކެވެ.
އެ ކުއްޖާ ފެނިފައިވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރިންނެވެ. އަދި އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެކުއްޖާ ގްރޫމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ހެކި ވަނީ ފުލުހުން ހޯދައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލައަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރިކޯޑް ވެސް އޮންނަ މީހެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.
އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ކުޑަކުދިންނާ ގުޅުން ހުރި މައްސަލައެއް ކަމަށް ވުމުން އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ. އެ ކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު